އިނގިރޭސި ލީގު ކަޕްގައި ރޭ ޕްރިމިއާ ލީގު ތާވަލް ލީޑު ކުރަމުންދާ ޗެލްސީއާ ދެކޮޅަށް ލީގުގެ އަށްވަނައިގައި އޮތް ލިވަޕޫލް ކުޅުނު މެޗު އެއްވަރު ވެއްޖެ އެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ވަގުތުކޮޅު ގޭމް ކޮންޓްރޯލް ކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދީ ލިވަޕޫލް އެވެ. މެޗުގައި ލިވަޕޫލްގެ ގޭމް ލީޑު ކޮށްދިނުމުގައި އެ ޓީމްގެ ތަޖުރިބާކާރު ކެޕްޓަން ސްޓީވަން ޖެރާޑް ދިޔައީ މުހިންމު ރޯލެއް އަދާ ކުރަމުންނެވެ.

ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ލިވަޕޫލަށް އިތުރަށް މަސައްކަތް ކުރަން ޖެހުނީ، ޗެލްސީ މެޗުގެ ލީޑު ނެގުމުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިފެންޑަރު ކޭން ޗެލްސީގެ ހަޒާޑަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މެޗުގައި ޗެލްސީއަށް ލީޑު ހޯދަދިނީ ހަޒާޑް އެވެ.

އެ ލަނޑާއެކު ލިވަޕޫލް ވަނީ ކުރިއަށް ޖެހިލައި، މެޗުގެ ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިބުނު ލީޑާއެކު ކުޅުން ރަނގަޅުކުރި ޗެލްސީވެސް ދިޔައީ މެޗުގައި އިތުރު ކޮންފިޑެންސާއެކު މަސައްކަތް ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، އެ ހާފް ނިމިގެން ދިޔައީ ޗެލްސީ ކުރީގައި އޮވެގެނެވެ.

މެޗުގެ ދެވަނަ ހާފް ޗެލްސީ ފެއްޓީ ވަރުގަދަ ހަމަލާ އަކުންނެވެ. ޗެލްސީގެ މަޓިޗް ފޮނުވާލި ރީތި ޕާހަކުން އެ ޓީމް އުފައްދަން މަސައްކަތް ކުރި ހަމަލާގެ ހުރަހަކަށް ވީ ލިވަޕޫލްގެ ގޯލްކީޕަރު މިގްނޮލެޓް އެވެ. ދެވަނަ ހާފް ފެށިއިރު ކުރިމަތިލާން ޖެހުނު އެ ޕްރެޝަރާ އެކު ލިވަޕޫލުން ޓީމް ހަމައަކަށް އަޅުވައި، މެޗު ކޮންޓްރޯލް ކުރަން ފެށިއެވެ.

ލިވަޕޫލަށް މެޗުގައި ކާމިޔާބު ކުރެވުނު ލަނޑު ފެނިގެން ދިޔައީ 59 ވަނަ މިނެޓުގައެވެ. ހުނަރުވެރި ކޮށްޓުންތަކަކާއެކު ޗެލްސީގެ ތިން ކުޅުންތެރިން ނައްޓާލުމަށްފަހު ޗެލްސީ ގޯލްގެ ތިރީ ކަނަށް ފޮނުވާލި ބޯޅައިން މެޗުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމްގެ ރަހީމް ސްޓާލިންގް އެވެ.

އެ ލަނޑާއެކު މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ޗެލްސީއަށް މާ ނުރައްކާތެރި ހަމަލާތަކެއް ލިވަޕޫލްގެ ގޯލަށް ފޮނުވާލެވިފައި ނުވާއިރު، ލިވަޕޫލްގެ ކެޕްޓަން ޖެރާޑް ނެގި ޝޮޓެއް ވަނީ ޗެލްސީގެ ގޯލް ދަނޑިއަށް އަމާޒުވެފައެވެ. ހަމަ އެއާއެކު ލިވަޕޫލްގެ ސްޓާލިންގް އާއި ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ލަލާނާ ޗެލްސީގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ޝޮޓުތަކުގެ ހުރަހަކަށް ވީ ޗެލްސީގެ ކީޕަރު ކޯޓުއާ އެވެ.

އެ މެޗު އެއްވަރު ވެގެން ދިޔަ ކަމުގައި ވިޔަސް، ލީގު ކަޕް ސެމީގެ ދެވަނަ ލެގުގައި ކުޅޭ މެޗުގައި ޗެލްސީއަށް އޮތް އެޑްވާންޓޭޖަކީ، އަމިއްލަ ދަނޑުގައި އެ މެޗު ކުޅެން ލިބުމެވެ. ލީގު ކަޕްގެ ދެވަނަ ލެގުގައި ދެން އެ ދެ ޓީމް ބައްދަލުކުރަން ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.