"އެއްވެސް ޝަރުތަކާ ނުލައި އިސްތިއުފާދެއްވާ" މިއީ ދިވެހިންގެ ގިނަ ބައެއްގެ ހިތްތަކުގައި ކާނަލް ރިޓަޔާޑް މުހައްމަދުގެ ނާޒިމްގެ ނަން ފެވިގެންދިޔަ ޖުމުލަ އެވެ. އެއް ބަޔަކަށް އެއީ "ބާޣީ" އަކަށް އަނެއް ބަޔަކަށް "ޣާޒީ" އަކަށް ވެގެންދިޔައީ އެ ޖުމުލައިންނެވެ. އެއީ ނާޒިމްގެ ސިޔާސީ މައިދާނުގެ މެދުއުޑުގައި ފިޔަޖަހަން ލިބުނު ފުރުސަތެވެ. ސިޔާސީ ހަޔާތުން މިނިސްޓަރެއްގެ މަގާމާއި ހަވާލުވި ނާޒިމްގެ ކެރިއަރަށް ކުޑަ ހުއްޓުމެއް އައީ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވާ ގެއަށް ފުލުހުންވަދެ ހިންގި ތަހުގީގަކަށް ފަހު އެވެ. މިހާރު މުޅި ގައުމުގައި ދެކެވޭ ވާހަކައަކީ ނާޒިމް ދެން ފެންނާނީ ކޮންކަމަކުން ބާ އެވެ. އިއްޔެ މަގާމުން ވަކިކޮށްފައިވާ ނާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ މައިދާނުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ. "މިއަށް ވުރެ މަތީ މަގާމެއްގައި މަސައްކަތް ކުރުމަކީ އަޅުގަނޑު ކުރާ އުއްމީދެއް،" ކަމަށެވެ. މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއަށްވުރެ މަތީ މަގާމެއް ބޭނުން ނަމަ ދެން އޮންނާނީ ރައީސްކަން ނުވަތަ ނައިބު ރައީސްކަން ނޫންތޯ އެވެ.

ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ނާޒިމް ވާދަކުރައްވާނެ ކަމުގެ ވާހަކައަކީ އާ ވާހަކައަކަށް ނުވެދާނެ އެވެ. ޚޮދު ނާޒިމް ވެސް އެކަމާ އިންކާރެއް ނުކުރެ އެވެ. ނާޒިމް ވިދާޅުވީ، "ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެކަން އަޅުގަނޑު ކައިރީގައި ކުރަން އެދެފި ހާލަތެއްގައި އަޅުގަނޑު ވެސް އެކަން ކުރުމަށް އިރާދަކުރެއްވިއްޔާ ނުކުންނާނަން،" ކަމަށެވެ. މިއީ ގިނަ ދިވެހިންގެ އެދުމަކަށްވުން ވެސް ދުރެއް ނޫނެވެ. އެހެންކަމުން އެކަމަކީ ދުރުގައި އޮތް ކަމެއްކަމަށް ނުބެލެވެ އެވެ. އުފެދެނީ އެންމެ ސުވާލެކެވެ. އެއީ ނާޒިމް އަރާނީ ކޮން އޮޑިޔަކަށްބާ އެވެ؟


އުމުރުން 65 އަހަރުވުމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިނުލެވޭނެ އިސްލާހެއް، މަޖިލީހުގައި މެޖޯރިޓީއޮތް، ސަރުކާރުގެ ކޯލިޝަނުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ ވޭތުވެ ދިޔަ ދެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކޮށް، އިންތިހާބު ކާމިޔާބު ނުވި، ގާސިމް އިބްރާހީމަށް ވެރިކަމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އޮތީ 2018ގައި އަތް އުރާލައިގެން އޮންނަން ކަމަކަށް ނުފެނެ އެވެ. އެ ޕާޓީގައި އެއަށް ވުރެ މާ ފޯރިގަދަ އެވެ. އެހެންކަމަށްވާއިރު ނާޒިމް، ޖުމްހޫރީ ޕާޓީގެ 'ސްލޮޓަކުން' ރައީސް ކަމަށް ކުރިމަތިލުމަކީ ވުން ކައިރި ކަމެކެވެ. ގާސިމާއި ނާޒިމްގެ ސިޔާސީ ހަޔާތަށް ބަލާއިރު މާކަބޮޑު ހަސަދައެއް އޮތްތަނެއް ނުފެނެ އެވެ. ނާޒިމްގެ އެޕާޓްމަންޓަށް ފުލުހުން ދަންވަރު ވަދެ ޗެކްކުރުމުން އެކަމަށް ގާސިމް ހަމްދަރުދީ ވާފަދަ މޭރުމަކުން ވަނީ ވާހަކަ ވެސް ދައްކަވާފަ އެވެ. އެހެންކަމުން މިއީ ވުން ކައިރި ކަމެކެވެ. ނަމަވެސް އެކަން ވުމުގެ ފުރުސަތު ބޮޑީ ގާސިމަށް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެވޭ ނަމަ އެވެ. ނާޒިމް ޖުމްހޫރީ އޮޑިޔަށް އަރުއްވައި ރިޔާސީ އިންތިހާބަށް ނުކުތުމަކީ ވެރިކަން ހޯދުމަށް އެ ޕާޓީކުރާ އުންމީދަށް އުފާވެރި ކަމެއް ގެނެސްދޭނެ ކަމަކަށް ވުން ގާތެވެ.

ދެން އޮތީ ކުޑަޕާޓީއެއް ކޮޅަށްޖަހައި އެޕާޓީއެއްގެ ހިޔަލުގައި ނާޒިމު ރައީސްކަމަށް ނުކުންނާނެ ވާހަކަ އެވެ. ނާޒިމް މީގެ ކުރިން ދައްކާފައިވާ ހިންގުންތެރިކަމަށް ބަލާއިރު އެއީވެސް ވެދާނެ ކަމެކެވެ. އެއީ ނާޒިމް ކުރި ހިޔާލެއްކަމުގެ ހެކިވެސް އެބަހުއްޓެވެ. ނެޝަނަލް އިންޑަސްޓްރިއަލް އެލަޔަންސް (އެންއައިއޭ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަސްކަރީ ބަޔަކު މަސައްކަތްކުރި އިރު އެއީ ނާޒިމްގެ 'ބެކަޕް'ގެ ދަށުން ކުރެވޭ ކަމެއްކަމަށް ދެކެވުނު ވާހަކަތައް މިކަމުގެ ހެއްކަކަށް ފުދެ އެވެ. ދެން އޮތް ރިޔާސީ އިންތިހާބަކަށް ކުޑަ ޕާޓީއެއް ކޮޅަށް ޖަހާލުމަކީ ނާޒިމަށް މާކަ އުނދަގޫ ކަމަކަށް ނުވެދާނެ އެވެ. އެ ދައުވަތުތައް މިހާރު ވެސް އެއޮށްގެން ދަނީ އަންނަމުންނެވެ. މިސާލަކަށް ކުރީގެ އެންމެ ބޮޑުޕާޓީ އަދި ނާޒިމް ކުރިން އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ޑީއާރްޕީން ނާޒިމަށް ދިން ދައުވަތު ފާހަގަކޮށްލެވެ އެވެ. ހަމައެހެންމެ އާދަލަތު ޕާޓީއަކީ ވެސް ނާޒިމަށް ވެސް އަދި އެޕާޓީއަށް ވެސް ރަނގަޅު 'ޗޮއިސް'އެކެވެ. ސަބަބަކަށް ވަނީ ސިޔާސީ މާ ވަރުގަދަ ލީޑަރެއް ނެތް އަދާލަތު ޕާޓީއަށް ކޮޅަށްޖެހިލަން ނާޒިމް ބޭނުން ކުރެވިދާނެ އެވެ. އެ ޕާޓީއަކީ ގިނަ ބަޔަކު ތިބި ޕާޓީއަކަށްވުމުން އެއީ ނާޒިމަށް ވެސް އޮތް ފައިދާއެކެވެ.

ނާޒިމް މަގާމުން ވަކިކުރެއްވުމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމުގެ މިސްރާބު ހިފާފައި ހުރީ "ގަދަ ތޫފާނަކާ ދިމާލަށް" ކަމަށާއި "ހިކުމަތްތެރިކަމާ އެކު މިސްރާބު ބަދަލު ނުކޮށްފި ނަމަ ގައުމު ފުނޑުފުނޑު ވެގެން ހިނގާއިދާނެ" ކަމަށެވެ. މިއީ ދައުވަތަކަށް ވުން ގާތެވެ.

ކުޑަ ޕާޓީއެއް ކޮޅަށްޖެހުން ނުވަތަ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ވެސް އިންތިހާބަށް ވާދަކުރަން އަދި ވަގުތު އެބައޮތެވެ. މި ދެކަމުގައި ނާޒިމަށް އޮތް އެންމެ ބޮޑު ފައިދާއަކީ ސިޔާސީ ހަރު ފަރާތްތައް އޭނާގެ ފަހަތުގައި ތިބުމެވެ. ފާޅުގައި ނޫނަސް އެމީހުން ސިއްރުގައި ނާޒިމަށް ތާއީދު ކުރާކަމުގެ ހެކިތައް އެބަހުއްޓެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކެބިނެޓުން ވަކިވެ ރިޔާސީ ރޭހަށް އަމިއްލަ ގޮތުން ނުކުމެވަޑައިގެންނެވި ޑރ. ހަސަން ސައީދު އެކަނި ހޯދެއްވި ގިނަ ވޯޓްތަކަކީ ނާޒިމަށް އިތުރު ހިތްވަރެއްކޮށްގެން ކާމިޔާބު ހޯދިދާނެ ކަމުގެ ހެއްކަކަށްފުދެ އެވެ. ހަސަނަށް ވުރެ ނާޒިމަށް އޮތް ފުރުސަތުތަކާއި ވަގުތު ގިނަ އެވެ.

ދެން އޮތީ ފަހަރެއްގައި ގަބޫލްކުރަން ދަތިވާހަކަތަކަކަށް ވެދާނެ އެވެ. ނަމަވެސް ސިޔާސީ ކުޅިގަނޑަކީ ކޮންމެ އަތަކަށްވެސް ކުޅެފާނެ ކަމެކެވެ. އާނއެކެވެ. މިދައްކަނީ ނާޒިމް އެމްޑީޕީއާ ގުޅިފާނެ ކަމުގެ ވާހަކަ އެވެ. ނާޒިމް ވިދާޅުވީ "އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރާނަން" ކަމަށެވެ. މިހެން ނާޒިމް ވިދާޅުވި އިރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަނުމުން "ފޮރުވިފައި ކޮންމެ ބޭނުމެއް އޮތް ނަމަވެސް" އޭނާއާ މެދު އެންމެ ހަމްދަރުދީވި ބަޔަކަށް އެމްޑީޕީވި އެވެ. އެހިސާބުން ފެށިގެން ކުރިން އެންމެ ބޮޑު "ބާޣީ"ގެ 'ޓެގް' އަޅުވާފައި ހުރި ނާޒިމާ ދޭތެރޭގައި އެމްޑީޕީ ދެކޭގޮތް ވަނީ ބަދަލުވާން ފަށައިފަ އެވެ. ކުރިން ކިއި ފާޑުކިޔުންތައް މަދުވެއްޖެ އެވެ. އެހެން ކަމުން އެމްޑީޕީން ނާޒިމް ބަލައިގަތުން ގާތެވެ. އެކަމުގެ އެއް ހެއްކަކީ އެޕާޓިއަށް ފާޅުގައި އެންމެ ބޮޑަށް ފާޑުކިޔައި އެ ޕާޓީގެ ލީޑަރަށް އެންމެ "ވަރުގަދައަށް ބަހުގެ ހަމަލާތައްދިން" އަލީ ވަހީދު މިއަދު އެޕާޓީ ހިންގަން ހުރުމެވެ. އެހެންކަމުން ނާޒިމް އަށްވެސް އެފުރުސަތު ދުރެއް ނޫނެވެ.

"ނާޒިމް ނެތީމަ ސަރުކާރުގެ ޑިފެންސް ނެތިގެން ހިނގައްޖެ. ސަރުކާރަށް ބޭނުން ކަމެއް ކުރެވިދާނެ،" ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވާއިރު އެމްޑީޕީގެ ޑިފެންސަށް ނާޒިމް ގެނައުމާއި އޭނާ ބޭނުންކޮށްގެން އިންތިހާބް ކާމިޔާބު ކުރުމަކީ އެމްޑީޕީއަށްއޮތް ފައިދާއެކެވެ.

ޕީޕީއެމްގެ މި ސަރުކާރުގެ މަގާމަކަށް ދެން ވަޑައިނުގަނަވާނެ ކަމަށް ނާޒިމް ވިދާޅުވާއިރު އެޕާޓިގެ ތެރެއިން ވެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ހަމައެހެންމެ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވާ އިރު ދެން އެމަނިކުފާނަށް ޕީޕީއެމްގައި ސިޔާސީ ކުރިމަގު އޮތްކަމަކަށް ވެސް ނުފެނެ އެވެ. އެހެން ކަމުން ނާޒިމް ދެން ފެންނާނެ ކަމަށް ބެލެވެނީ ކޮންމެވެސް އިދިކޮޅު އޮޑިޔަކުންނެވެ. އުފެދޭ ސުވާލަކީ ނާޒިމަށް ވެރިކަމަށް އާދެވޭވަރުގެ ހިތްވަރު ހުރިތޯ؟ އެވެ.

"އެއްވެސް ޝަރުތަކާ ނުލައި އިސްތިއުފާދެއްވާ" މި ޖުމުލައިން ސިޔާސީ ހަރަކާތް ފެށި ނާޒިމް އޭގެ ފަހުން ގައުމުގައި އޭނާ ފާހަގަވެގެންދިޔައީ "މުޅި އޮޑީގައި ހަސަނުގެ ދެފައޭ" ބުނެވޭ ފަދަ "ނާޒިމެއްގެ ގޮތުގަ"އެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރު ގެނައުމަށާއި ގޮންޖެހުންތައް ބޮޑު އެ ސަރުކާރު ހިފެހެއްޓުމަށް ހުރި "ކައްތިރި" އަކަށްވެސް ވީ ނާޒިމެވެ. މިސަރުކާރަށް ބަލާނަމަ ވެސް އޭނާ ފާހަގަވެގެން ދިޔައީ "ބާގަނޑުތައް" ފޫބައްދާ ބޭފުޅެއްގެ ގޮތުގަ އެވެ.

ނާޒިމް ޑިފެންސް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވި ވަގުތުން ފެށިގެން ސޯޝަލް މީޑިއާގައި އެންމެ ބާރު ސްޕީޑެއްގައި ފެތުރުނު ވާހަކައަކީ ނާޒިމްގެ ވާހަކަ އެވެ. އެއް ބަޔަކު ނާޒިމްގެ ފޮޓޯތައް ޕްރޮފައިލްތަކަށް ބަދަލުކުރި އިރު އަނެއް ބަޔަކު ވަނީ ނާޒިމް އާ އެކު ނަގާފައިވާ ސެލްފީތަކުން ޓައިމްލައިންތައް ފުރާލާފަ އެވެ. "ނާޒިމް 2018"، "ޓީމް ނާޒިމް" މިފަދަ އެތައް އައިޑީއަކުން ދަނީ އޭނާއަށް ތައުރީފްގެ ބަސްތައް އޮސަމުންނެވެ. ދެކޮޅަށް އެއްޗެއް ބުނާ މީހެއް ފެންނަނީ ވަރަށް މަދުންނެވެ.

ދެހާސް އަށާރަ ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ނާޒިމަށް ކާމިޔާބު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ނިންމަން އަދި އަވަހެވެ. ރައީސް ޔާމީންގެ ރިޔާސީ ދައުރުން ވެސް އަދި ބާކީ ހަތަރު އަހަރެއްހާ ދުވަސް ބާކީ އެބަ އޮތެވެ. އެ މުއްދަކީ ސަރުކާރަކަށް ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ވެސް ލައްކަ ދުވަހެވެ. އެ މުއްދަތުގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ސަރުކާރަށް ނެރެވިއްޖެ ނަމަ ހަމަ ޕީޕީއެމް އަށް ނޫނީ ރައީސް ޔާމީނަށް ވެސް އެއީ އޮތް ފުރުސަތެކެވެ. އަދި އެ ނޫނަސް ސިޔާސީ މަސްރަހު ފޮރޮޅި އެފުށް މިފުށް ޖެހުމަށް ވެސް ލައްކަ ދުވަސް އެބަ އޮތެވެ. ލައްކަ ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ. ނާޒިމު ދިރިއުޅުއްވާ ގެއިން ފެނުނީ އެގޭގައި ނާޒިމު ރައްކާކޮށްފައި ހުރި ހަތިޔާރު ކަމަށް ސާބިތުވެއްޖެ ނަމަ، ނާޒިމުގެ ސިޔާސީ ހަޔާތަށް ބޮޑު ކިލަނބުކަމެއް އައުމަކީ ވެސް ދުރުކަމެއް ނޫނެވެ. ކުރީން ބާޣީންނޭ ކިޔައި ގޮވި މީހުންގެ ފަހަތަށް އެރުމުން އޭގެން ލިބެނީ ކޮން މެސެޖެއްކަން ވެސް ރައްޔިތުން ވިސްނައިލާން ޖެހޭނެ އެވެ. ބަލަން ތިބެމާ ބަހީ އެވެ.