ފުލުހަކަށް ހަމަލާދިން މީހަކު ހަތަރު މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ލ. ތުލުސްދޫ މީނާޒު މުހައްމަދު ރިފްއަތުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 8:00 އެހާކަންހާއިރު ކ. ތުލުސްދޫގައި ކުރިން އަތޮޅުވެރިކަން ކުރަމުންދިޔަ އިމާރާތް ކައިރިން ފުލުހަކަށް ހަމަލާދީފައިވާތީ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ އެ ސަރަހައްދުގައި އަޑުގަދަކުރަމުން ދިޔަ މީހުން ކޮންޓްރޯލް ކުރަން ފުލުހުން މަސައްކަތް ކުރަމުންދަނިކޮށް، ވެލިއަޅާފައި ހުރި ޕެޓް ފުޅިއަކުން ރިފްއަތު ޕޮލިސް ސާޖަންޓު ހުސައިން ނައީމްގެ ބޮލުގައި ޖަހާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާއާ އެކު އެ ހަމަނުޖެހުމުގައި ބައިވެރިވެ ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އިތުރު މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރިއެވެ. އެހެންނަމަވެސް އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.

ރިފްއަތުގެ މައްޗަށް އަދަބު ކަނޑައަޅާފައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނު ބުނާގޮތުން އެފަދަ ކުށެއް ކުރި މީހަކަށް ކުރެވޭ ޖަލު ހުކުމުގެ އެންމެ ދިގު މުއްދަތަކީ 6 މަސް ދުވަހެވެ.