21 Jan 2015, 09:59
ޗައިނާގެ ކުންފުންޏަކުން ތްރީޑީ ޕްރިންޓަރެއް ބޭނުންކޮށްގެން ފަސް ބުރީގެ އިމާރާތެއް އަޅައިފި އެވެ. އެ ޕްރޮޖެކްޓުގެ އާކިޓެކްޓުން ބުނާ ގޮތުން އެ އިމާރާތަކީ ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގައި އެޅި އެންމެ އުސް އިމާރާތެވެ.
އެ ޕްރޮޖެކްޓް ކުރިއަށްގެންދިޔަ ޝަންހާއީގެ ކުންފުންޏެއް ކަމަށްވާ ވިންސުން ޑެކަރޭޝަން ޑިޒައިން އިންޖިނިއަރިން ކޯޕަރޭޝަނުން ބުނީ، އެ އިމާރާތް ކުރުމަށް ބޭނުންކުރީ ކޮންސްޓަރަކްޝަން ވޭސްޓުގެ ގޮތުގައި އުކާލާ، ގްލާސް ފައިބަރާއި ދަނގަޑާއި ސިމެންތިން ތައްޔާރުކުރާ ހާއްސަ "ދެއްޔެއް" ކަމަށެވެ. އަދި އިމާރާތް އެޅުމަށް 150 މީޓަރުގެ ދިގު އަދި ހަ މީޓަރު އުސް ޕްރިންޓަަރެއް ބޭނުންކުރި ކަމަށެވެ.

ތުރީޑި ޕްރިންޓަރުން، ޕުރިންޓްކުރި ވިލާ--
ތްރީޑީ ޕްރިންޓިން ވެބްސައިޓެއް ކަމަށްވާ ތްރީޑާސް ވެބްސައިޓުގައި ބުނެފައިވަނީ، އެ އިމާރާތުގެ އެއް ބުރި، ޕްރިންޓް ކުރުމަށް އެއް ދުވަސް ހޭދަވިއިރު، އެ އިމާރާތް އެތުރުމަށް އިތުރު ފަސް ދުވަސް ހޭދަވި ކަމަށެވެ. އަދި އެ އިމާރާތް އެޅުމަށާއި އިންޓީރިއާ ޑެކަރޭޝަނަކާއެކު ހޭދަވެފައިވަނީ އެންމެ 160،000 ޑޮލަރު (2467200 ރުފިޔާ) ކަމަށް އިމާރާތް އެޅުމުގެ ޕްރޮޖެކްޓަރުންނާ ހަވާލާދީ އެ ސައިޓުގައި ބުނެފައިވެ އެވެ.
"އެ އިމާރާތަކީ މީހުންނަށް ދިރިއުޅެވޭނެ އިމާރާތްތަކެއް. އަދި މުސްތަގްބަލުގައި 12 ބުރީގެ އިމާރާތްތަކެއް ހިމެނޭ ހައުސިން ބްލޮކްތަކެއް ގާއިމްކުރުމަކީ އުއްމީދެއް،" ވިންސުން ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ވިންސުން ކުންފުނިން ބުނީ ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން އިމާރާތް ކުރުމަށް ދާ ހަރަދު 50-80 ޕަސެންޓާ ދޭތެރޭގެ އަގަކަށް ކުޑަކުރެވޭއިރު، އިމާރާތް ކުރުމަށް ގަންނަންޖެހޭ ސާމާނު 60-30 ޕަސެންޓް ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި އިމާރާތް އެޅުމަށް ހޭދަވާ ވަގުތު 70-50 ޕަސެންޓް ސަލާމަތްވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންސުގައި ހުންނަ ސުޒޯ އިންޑަސްޓްރިއަލް ޕާކުގައި ތްރީޑީ ޕްރިންޓަރު ބޭނުންކޮށްގެން 1100 މީޓަރުގެ ވިލާ އެއް އިމާރާތްކުރި ވިންސުން ކުންފުނިން ވަނީ ތްރީޑީ ޕްރިންޓަރު ބޭނުންކޮށްގެން މިދިޔަ އަހަރުގެ އޭޕްރިލްގައި 10 ގެ، 24 ގަޑިއިރު ތެރޭގައި ޕްރިންޓް ކޮށްފައެވެ.

މައުލޫމާތު: ރަޝިއާ ޓުޑޭ (އާރުޓީ)