ސަންއާ (ޖަނަވަރީ 21): ޔަމަނަށް މިހާރު ކުރިމަތިވެފައި ވަނީ ވަރަށް ޚުތޫރަތްތެރި ދަނޑިވަޅެއް ކަމަށާއި ޔަމަނުގެ ވެރިން ގައުމުގެ މަސްލަޙަތުގެ މައްޗަށް އަމިއްލަ މަސްލަޙަތު އިސް ކުރަމުންދާ ކަމަށް ބުނެ ޙޫޘީ ހަނގުރާމަވެރިންގެ ލީޑަރު އަބްދުލްމަލިކުލްޙޫޘީ ވާހަކަ ދައްކައިފި އެވެ.

ޓީވީ މެދުވެރިކޮށް ދިން ޚިތާބެއްގައި އަބްދުލްމަލިކުލް ޙޫޘީ ބުނީ ރައީސް އަބްދުރައްބު މަންސޫރި ހާދީގެ ސަރުކާރާއެކު ވެފައިވާ ސުލްހައިގެ އެއްބަސްވުން ތަންފީޒު ކުރުމަށްއަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން ނާޅާތީ އެ ފިޔަވަޅުތައް އެޅުމަށް އޭނާގެ ޖަމާއަތް ކުޑަކޮށްވެސް ފަހަށް ނުޖެހޭނެކަމުގައެވެ. އަބްދުލްމަލިކުލްޙޫޘީ ބުނީ ހުޅަނގުގެ ގައުމުތައް ބޭނުންވާގޮތަށް ޔަމަންގެ ކަންތައްތައް ކުރިޔަށް ނުގެންދިޔުމަށް ރައީސް ހާދީއަށް ނަސޭހަތްތެރިވެފައި ވީނަމަވެސް ކަންތައްތައް ދަނީ އެގޮތަށް ނޫންކަމަށާއި ހާދީއާ ދެކޮޅަށް ތެދުވާން ޖެހުނީ އެކަންތައްތަކާ ގުޅިގެން ކަމުގައެވެ.

އަބްދުލްމަލިކުލް ޙޫޘީ މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ އޭނާގެ ކޮމާންޑްގެ ދަށުގައިވާ ޙޫޘީ ހަނގުރާމަވެރިން ޔަމަންގެ ރިޔާސީ އޮފީހަށް ގަދަބާރުން ވަދެގަނެ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ހިސާރުކޮށްފައިވަނިކޮށެވެ. ޔަމަންގެ ސަރުކާރުންވަނީ ޙޫޘީ ހަނގުރާމަވެރިން ރޭ އިރާކޮޅުން ފެށިގެން އެގައުމުގެ ރިޔާސީ ގަނޑުވަރަށްވަދެ އެތަން އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ރައީސް ހާދީ ހުންނެވީ އެޖަމާއަތުގެ ޙިސާރުގެ ދަށުގައިކަން ކަށަވަރުކޮށްދީފައެވެ.

ޙޫޘީ ހަނގުރާމަވެރިން ޔަމަނުގެ ރިޔާސީ އޮފީހާއި ރިޔާސީ ގަނޑުވަރު ޙިސާރުކޮށްފައި ވީނަމަވެސް ރައީސް ހާދީ އަދިވެސް ހުންނެވިކަމަށްވަނީ އެ ގަނޑުވަރުގައެވެ. ނަމަވެސް ހާދީއަށް ސިފައިންގެ ތާއީދު ނެތުމުން މިވަގުތު އޭނާއަށް ކުރެވޭނެ މާބޮޑުކަމެއް ނެތްކަމަށް މުރާސިލުން ބުނެއެވެ.

ޙޫޘީ ޖަމާއަތުގެ އިސްވެރިޔަކު ވަނީ ރައީސް ހާދީއަށާއި އޭނާގެ އައުވާނުން ވެރިކަމުގެ ބާރުތައް ދޫކޮށްލައްވާނަމަ އެބޭފުޅުންނަށް ގޯނާ ނުކުރާނެ ކަމުގެ ގެރެންޓީ ދީފައެވެ. ޙޫޘީ ޖަމާއަތުގެ ލީޑަރެއްކަމަށްވާ މުޙައްމަދު އަލްބަޚްތީ ބުނިގޮތުގައި އެޖަމާއަތުން ޔަމަނުގެ ރިޔާސީ އޮފީހަށް ވަދެގަތީ އެތަން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށެވެ. ނަމަވެސް ޙޫޘީ ޖަމާއަތުގެ މަގްސަދަކީ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ވެރިކަން ފުރޮޅާލުން ކަމަށްވަނީ ބެލެވިފައެވެ.

ޔަމަނަށް މިއައީ ޙޫޘީ ޖަމާއަތާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ގުޅިގެން ގެނައި އިންގިލާބެއް ކަމަށް ރައީސް ހާދީ ވަނީ ސިފަކުރައްވާފައެވެ. ރިޕޯޓްތައް ބުނާގޮތުން ވެރިރަށް ސަންޢާގައި ވަނީ ޙޫޘީންނާ ދެކޮޅަށް މުޒާހަރާތައް ކުރަން ފަށާފައެވެ. (އަލްޖަޒީރާ)