21 Jan 2015, 09:35
ސަންއާ (ޖަނަވަރީ 21) : ޔަމަންގެ ޙޫޘީ ޖަމާއަތުން އެގައުމުގެ ރިޔާސީ ގަނޑުވަރު ހިފައި އެގަނޑުވަރުގައި ރައީސް އަބްދުރައްބު މަންސޫރު ހާދީ ހިސާރުކޮށްފި އެވެ.
ޙޫޘީ ހަނގުރާމަވެރިން ރިޔާސި ގަނޑުވަރަށް ވަދެގަނެ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް އެތަން ގެނަސްފައިވަނީ އެތަން ބަލަހައްޓަންތިބި ޔަމަންގެ ރިޔާސީ ގާޑުންނަށް ޙަމަލާދީ އެމީހުން ބަލިކުރުމަށްފަހުގަ އެވެ. ދެފަރާތުން ބަދަލުކުރި ޙަމަލާތަކުގައި ރިޔާސީ ގާޑުންގެ ދެ މީހުންނާއި ރައީސް ހާދީގެ ދެ ބޮޑީގާޑުން މަރުވެ 25 މީހުން ޒަޚަމްވެފައިވާ ކަމަށާއި މީގެ އިތުރުން ރިޔާސީ ގާޑުންގެ ގިނަ އަދަދެއްގެ ހަތިޔާރުތައް ވެސް ޙޫޘީ ހަނގުރާމަވެރިންގެ އަތްދަށަށް ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މިހާރު ޔަމަންގެ ވެރިކަމުގެ ބާރުތައް ކޮންޓްރޯލް ކުރަނީ ޙޫޘީ ހަނގުރާމަވެރިން ކަމަށް ވެސް މުރާސިލުން ބުނެ އެވެ.
ޙޫޘީ ޖަމާއަތުން ބުނާ ގޮތުގައި އެޖަމާއަތުން ރައީސް ހާދީއާ ވާހަކަ ދައްކަމުން ގެންދަނީ ޔަމަންގެ ވެރިކަމުގެ ބާރުތައް އެޖަމާއަތުގެ ވެރިޔާ އަބްދުލްމަލިކުލްޙޫޘީއާ ޙަވާލު ކުރުމާބެހޭ ގޮތުން މިކަމަށް ރައީސް ހާދީ އެއްބަސްވެ ވަޑައިގެންފައިވާކަން އަދި އެނގިފައެއް ނުވެ އެވެ. ޙޫޘީ ހަނގުރާމަވެރިން މީގެކުރިން ވަނީ ޔަމަންގެ ބޮޑުވަޒީރު ޚާލިދު ބަހާހް ވެސް އޭނާގެ ގެކޮޅުގައި ޙިސާރުކޮށްފަ އެވެ.
ޔަމަންގެ ސަރުކާރުން ވެސް ވަނީ ޙޫޘީ ހަނގުރާމަވެރިން ރޭ އިރާކޮޅުން ފެށިގެން އެގައުމުގެ ރިޔާސީ ގަނޑުވަރަށްވަދެ އެތަން އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެނައިކަން ކަށަވަރުކޮށްދީފަ އެވެ. ޙޫޘީހަނގުރާމަވެރިން ޔަމަންގެ ރިޔާސީ އޮފީހާއި ރިޔާސީ ގަނޑުވަރު ޙިސާރުކޮށްފައިވީ ނަމަވެސް ރައީސް ހާދީ އަދިވެސް ހުންނެވިކަމަށް ވަނީ އެ ގަނޑުވަރުގަ އެވެ. ޙޫޘީ ޖަމާއަތުގެ ތަރްޖަނާމަކު ވަނީ ރައީސް ހާދީއަށާއި އޭނާގެ އައުވާނުންނަށް ގޯނާނުކުރާނެ ކަމުގެ ގެރެންޓީ ދީފަ އެވެ.
ޙޫޘީ ޖަމާއަތުގެ އެހެން ލީޑަރެއްކަމަށްވާ މުޙައްމަދު އަލްބަޚްތީ ވިދާޅުވި ގޮތުގައި އެޖަމާއަތުން ޔަމަންގެ ރިޔާސީ އޮފީހަށް ވަދެގަތީ އެތަން ރައްކާތެރިކޮށް ޙިމާޔަތް ކުރުމުގެ މަގްސަދުގަ އެވެ. ނަމަވެސް ރައީސް އަބްދުރައްބު މަންސޫރު ހާދީވަނީ ހޫޘީންގެ މިއަމަލުތަކަކީ އޭނާގެ ވެރިކަން ފޮރޮޅާމަށް ޓަކައި ޙޫޘީ ޖަމާއަތާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ގުޅިގެން ގެނައި އިންގިލާބެއް ކަމަށް ސިފަކުރައްވާފަ އެވެ. އދ. ގެ ސަލާމަތީ މަޖިލީހުންވަނީ ޔަމަންގެ މައްސަލައާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި އެމަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައި ރައީސް ހާދީއަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން ވަނީ ޔަމަނުގައި ހިނގަމުންދާ ކުރިމަތިލުންތައް ވަގުތުން ހުއްޓާލުމަށް ޙޫޘީ ޖަމާއަތަށާއި ޔަމަންގެ ސަރުކާރަށް ގޮވާލައްވާފަ އެވެ.
ޙޫޘީ ހަނގުރާމަވެރިންނަކީ އީރާނުގެ ތާއީދު ލިބިފައިވާ ޝިޔަޢީންގެ ޖަމާއަތެއް ކަމަށް ޚަބަރުލިބެއެވެ. (އަލްޖަޒީރާ)