21 Jan 2015, 00:10
އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަނުން މާލޭގައި މިހާރު ކުރިއަށް ގެންދާ އޭވީސީ ސަބް ޒޯނަލް ބީޗް ވޮލީބޯލް މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ބަންގްލަދޭޝް ބަލިވުމުން، މުބާރާތުގެ ސެމީގެ ޖާގަ ރާއްޖެ އާއި އަފްގާނިސްތާނަށް ކަށަވަރު ވެއްޖެ އެވެ.
އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެ މެޗުގައި ބައްދަލުކުރީ ބަންގްލަދޭޝް އާއި އަފްގާނިސްތާނެވެ. އެ ދެ މެޗު ވެސް ކާމިޔާބު ކުރީ އަފްގާނިސްތާނެވެ. މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ އަފްގާނިސްތާނުގެ އިދުރީސް އާއި ސަމްސީގެ ޕެއާ އާއި ބަންގްލަދޭޝްގެ ޒާބިރު އާއި ރަހްމާންގެ ޕެއާ އެވެ. އެ މެޗު އަފްގާނިސްތާނު ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އަފްގާނިސްތާނުގެ ދެވަނަ ޕެއާ ކަމަށްވާ އޮމިދް އަދި ރަމިން އާއި ބަންގްލަދޭޝްގެ ދަވަނަ ޕެއާ ކަމަށްވާ އަހުމަދު އަދި ދޭބިނަތު އެވެ. އެ މެޗު އަފްގާނިސްތާނުން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ.
މުޅިއަކު ހަ ޓީމެއް ވާދަކުރާ އެ މުބާރާތް ކުރިއަށް ގެންދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިންނެވެ. އެގޮތުން ރާއްޖޭ ހިމެނޭ މުބާރާތުގެ ގްރޫޕް 'ބީ' ގައި އިއްޔެ ބަންގްލަދޭޝް ރާއްޖެއާ ދެކޮޅަށް ވާދަކުރި މެޗުން ވެސް އެ ޓީމް ވަނީ ބަލިވެފަ އެވެ. އިއްޔެ ރާއްޖެ ވަނީ ކުޅުނު ދެ މެޗުގައި ވެސް ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފަ އެވެ.
އެ މުބާރާތުގެ ގްރޫޕް 'އޭ' ގައި ހިމެނޭ ޓީމްތަކަކީ އިންޑިއާ، ޕާކިސްތާން އަދި ނޭޕާލެވެ. އިއްޔެ ކުޅުނު ގްރޫޕް 'އޭ'ގެ ފުރަތަމަ މެޗުގައި އިންޑިއާ ވަނީ ދެ މެޗުން ވެސް ޕާކިސްތާނުގެ މައްޗަށް ކުރި ހޯދާފަ އެވެ. އަދި މިރޭ ކުޅުނު މުބާރާތުގެ ގްރޫޕް 'އޭ'ގެ ދެވަނަމެޗުގައި، ނޭޕާލާ ދެކޮޅަށް ވާދަކޮށް ޕާކިސްތާނު ވަނީ ދެ މެޗުވެސް ސީދާ ސެ ސެޓުން ގެންގޮސްފައެވެ.
މާލޭގެ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި މިމަހުގެ 19 އިން 23 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އޭވީސީ ސަބް ޒޯނަލް ބީޗް ވޮލީބޯލް މުބާރާތަކީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ ފުރަތަމަ ވޮލީބޯޅަ މުބާރާތެވެ. އަދި އެ މުބާރާތަކީ އަންނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއަށް އޭޝިއާ ބައްރުން ކޮލިފައިވާ ޓީމްތައް ހޮވުމަށް ބާއްވާ މުބާރާތްތަކުގެ ތެރެއިން މުބާރާތެކެވެ.