08 Feb 2011, 11:19
ރޯމް : ދުނިޔޭގެ ކަނޑުތަކުގައިވާ މަހުގެ ސްޓޮކް ވަރަށް ބޮޑަށް ދަށަށްދާ ކަމުގެ ކަމުގެ އިންޒާރު ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ އދ. ގެ ޖަމްޢިއްޔާ އެފްއޭއޯ އިން ދީފި އެވެ. އެފްއޭއޯ ގެ ރިޕޯޓެއް ބުނާގޮތުން އިންސާނުންގެ ބޭނުންތަކަށް މަސްހިފައި އަދި ބާނަމުން ގެންދާމިންވަރު، ކަނޑުތަކުގައި ޤުދްރަތީގޮތުން މިތަކެތި އުފެދޭ މިންވަރަށްވުރެ މާބޮޑަށް އިތުރުވެގެން ދިޔުމުގެ ސަބަބުން ކަނޑުތަކުގެ މަހުގެ ސްޓޮކްދަނީ ދަށްވަމުންނެވެ.
މަހުގެ ސްޓޮކް އިތުރު ކުރުމަށްޓަކައި މަސް ކަލްޗާކުރުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް އެކަން ކުރިޔަށްދަނީ މަހުގެ ސްޓޮކް ދަށަށްދިޔަނުދީ ހިފެހެއްޓޭމިންވަރަށްވުރެ މާ ކުޑަކޮށްކަމަށްވެސް މިރިޕޯޓް ބުނެ އެވެ. އެފްއޭއޯގެ ފިޝަރީޒް ޑިޕާޓްމަންޓްގެ ތަޖްރިބާކާރެއް ކަމަށްވާ ރިޗަޑް ގްރީންގާ ވިދާޅުވާ ގޮތުން ދުނިޔޭގެ އާބާދީގެ 540 މިލިޔަން މީހުން އަސާސީ ކާނާއެއްގެ ގޮތުގައި (ހަށިގަނޑަށް ބޭނުންވާ މައިގަނޑު ޕްރޮޓިންއެއްގެ ގޮތުގައި) ބޭނުން ކުރަނީ ކަނޑުމަހެވެ.
އެފްއޭއޯގެ ރިޕޯޓްތައް ބުނާގޮތުން މިހާރު ހިފާމިންވަރަށް ކަނޑުތަކުން މަސްހިފާނަމަ 2020 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ ކަނޑުތަކުން ވަރަށް ގިނައަދަދެއްގެ ބާވަތްތަކުގެ މަސްތައް ހުސްވެ ކަނޑުމަހުގެ ޖުމްލަ ސްޓޮކް 20 ޕަސެންޓް ދަށަށްދާނެ އެވެ. މިފަދަ ޙާލަތެއްގައި ދުނިޔޭގެ އިތުރުބަޔަކު ހައިހޫނުކަން ތަހައްމަލްކުރަންޖެހޭނެ ކަމުގެ އިންޒާރުވެސް އެފް.އޭ.އޯ.އިން ވަނީ ދީފަ އެވެ.