ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމު، ޑިފެންސް މިނިސްޓަރުގެ މަގާމުން ވަކި ކުރުމާއެކު ސަރުކާރުގެ "ދިފާއީ ބާރު" ނެތިގެން ހިނގައްޖެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ގެކޮޅު، މ. މާފައްނުވިލާ ކައިރީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ނާޒިމު މަގާމުން ވަކިކުރުމާއެކު ސަރުކާރުގެ ދިފާއީ ބާރު ނެތިގެން ހިނގައްޖެ ކަމަށާއި، ނާޒިމަކީ ސަރުކާރުގެ "ބަނޑު ފިލާ" ކަމަށެވެ.

"ދަންނަވަންތޯ އެދިޔައީ ސަރުކާރުގެ ބަނޑު ފިލާ، އެދިޔައީ ފޫ، އެ ދިޔައީ ޑިފެންސް، ދެން ތިޔަ ގޯލަށް ބޭނުން ވަރަކަށް ވަންނާނެ، ދެން ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއް ތިޔަ ޓީމާ ދިމާލަށް ދާނެ،" ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިންގެ ނަމުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރެއްގައި އެއްވެސް އުސޫލަކާއި ނުލައި މީހުން މަގާމުން ވަކި ކުރަމުންދާނަމަ އެ ސަރުކާރެއްގެ ނިމުން ވަރަށް ކައިރި ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު މިހާރު އޮތީ "ގެރެންޓީ" ހަމަވެފައި ކަމަށް ބުނެ އަލީ ވަހީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާދު ވިދާޅުވެފަ އެވެ.

"ސަރުކާރު ހިފެހެއްޓުމުގައި އެއްކޮޅުން އޮތީ ޖުމްހޫރީ ޕާޓީ، އަނެއްކޮޅުން ޑިފެންސް މިނިސްޓަރު، މިހާރު ދެބައި ވެސް ވަކިވީ، ދަންނަވަންތޯ، އަރިއަށް ބޯކޮޅުވަތަށް ވެއްޓި މި ސަރުކާރު ނިމގެން ދާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތައުރީފު ކުރައްވައި އަލީ ވަހީދު ވަނީ މިރޭގެ އެއްވުމުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ރާއްޖޭގައި މިހާރު އޮތް ސަރުކާރު ބަދަލު ކުރާނެ ކަމަށާއި، ޖުމްހޫރީ ޕާޓީ އަކީ ސަރުކާރު ބަދަލުކުރެވޭ ފެންވަރުގެ ޕާޓީއެއް ކަމަށެވެ. ނަމަވެސް އެ ޕާޓީގެ އެހީގައި ވެރިކަމަށް އައި ޕާޓީތަކުން ޖޭޕީއާ މެދު ކަންކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި "މާޒީއަކީ އިބުރަތް ހާސިލްކޮށް، ކުރިމަގު ބައްޓަން ކުރުމަށް" ލިބޭ ފުރުސަތެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީއަކީ ދިވެހިރާއްޖޭގައި އުފެދިފަ އޮތް ވަރަށް މުހިންމު ޕާޓީއެއް، ތާރީހަށް ބަލާލިޔަސް، މިރާއްޖޭގައި އުފެދުނު ކޮންމެ ވެރިކަމެއް އުފެދިގެން އައިސްފަ ވަނީ ޖުމްހޫރީ ޕާޓީގެ އެހީތެރިކާމާ އެކު، 2008 ވަނަ އަހަރު އެމްޑީޕީ ވެސް އެހީތެރިކަމަށް އައީ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާއެކު، އަދި މިފަހުން ރައީސް ޔާމިންގެ ސަރުކާރު ވެރިކަމަށް އައީވެސް ޖުމްހޫރީ ޕާޓީގެ އެހީގައި،" އަލީ ވަހީދު ވިދާޅުވި އެވެ.

މިރޭގެ އެއްވުުމުގައި، އަލީ ވަހީދު ވަނީ ގާނޫނުއަސާސީގެ ދިފާއުގައި، ހުރިހާދިވެހިން ނުކުތުމަށް ގޮވާލާފަ އެެވެ. އޭނާ ވިދަޅުވީ އިދިކޮޅު ހުރިހާ ޕާޓީތަކެއް އެއްވެ ދިވެހި ދިދައިގެ ފަހަތުގައި ހުރިހާ ދިވެހިން ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ނިކުތުމަށެވެ. "ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން" މި ނަމުގައި ހުކުރުދުވަހު ހާއްސަ ރެލީއެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފަ އެވެ.