ބުރާސްފަތި ދުވަހު ފަށާ ޕީޕަލްސް ކަޕްގެ ޓިކެޓުތައް މާދަމާ ވިއްކަން ފަށާނެ ކަމަށް އެފްއޭއެމުން ހާމަކޮށްފި އެވެ.

އެފްއޭއެމުން ބުނީ ޓިކެޓް ވިއްކަން ފަށަން ހަމަޖހިފައި ވަނީ މާދަމާ މެންދުރު 2:00 ގައި ގަލޮޅު ދަނޑުން ކަމަށެވެ. އަދި ޓިކެޓުތައް ވިއްކާނީ މެޗުތައް ކުޅޭ ދުވަސް ދުވަހު އޮންނަ ދެ މެޗަށް އެއްކޮށް ކަމަށާއި، ގަލޮޅު ދަނޑު ނޫން އެހެން ތަނަކުން ޓިކެޓު ވިއްކާނަމަ އެފްއޭއެމުން އެކަން ކުރިން އިއުލާނު ކުރާނެ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

ޕީޕަލްސް ކަޕްގެ ޓިކެޓުތައް ވިއްކަން ހަމަޖެހިފައިވާ އަގުތަކަކީ ސިޑިބަރިން 10ރ. އަށާއި ގޮނޑިބަރިން 25ރ. އަށެވެ. އެ މުބާރާތުގެ ޓިކެޓުތައް ބައްލަވައިގަންނަވާ ފަރާތްތަކަށް، ކޮންމެ މެޗެއްގައި ވެސް ބާއްވާ ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ހުޅުވާލާފަ އެވެ. އަދި އެ ލަކީ ޑްރޯގެ ނަސީބުވެރި ފަރާތް ކޮންމެ މެޗެއްގެ އިންޓަވަލް ވަގުތު ހޮވާނެ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ލަކީ ޑްރޯގެ އިތުރުން، އެ މުބާރާތާއި ގުޅިގެން އިތުރު ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ބުރާސްފަި ދުވަހު ފަށާ ޕީޕަލްސް ކަޕްގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު 16:00ގައި ވާދަކުރަން ހަމަޖެހިފައި ވަނީ މާޒިޔާ އާއި ސިންގަޕޯރ ލަޔަންސް އެވެ. އަދި އެ މުބާރާތުގެ ދެވަނަ މެޗުގައި އެރޭ 21:00 ގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ނިއުރެޑިއެންޓާއި ޕީޑީއާރްއެމް އެވެ.