އިނގިރޭސީވިލާތުގައި އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީއަށް ދަރިފުޅަށް ނުދެވުމުން، ޖޫރިމަނާކޮށްފި އެވެ.

އެކުވެރިޔާގެ އުފަން ދުވަހުގެ ޕާޓީއަށް ނުދެވުނީ ފަސް އަހަރުގެ ކުޑަ ކުއްޖަކަށެވެ. އެލެކްސް (ފޮޓޯއިން ފެންނަ ކުޑަކުއްޖާ) ނަމަކަށް ކިޔާ އެ ކުއްޖާގެ ބައްޕަ ޑެރެކް ނަޝް ބުނީ ދަރިފުލަށް ޕާޓީއަށް ނުދެވުމުން ޖޫރިމަނާކުރި ކަމުގެ ބިލު ފެނުނީ ދަރިފުޅުގެ ސްކޫލު ފޮތް ދަބަހުން ކަމަށެވެ. ޖޫރިމަނާގެ ގޮތުގައި 24 ޑޮލަރު ބިލުކޮށްފައިވާއިރު، އެ ބިލުގައި ބޭންކް އެކައުންޓް ނަންބަރު ވެސް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ ދަރިފުޅު ޕާޓީއަށް ދިއުމަށް ދައުވަތު ގަބޫލު ކުރި. އެކަމަކު އެ ދުވަހު އޭނާ މާމަމެން ކައިރިއަށް ވެސް ދާން އޮތުމުން، އެލެކްސް ނިންމީ އޭނާގެ މާމަމެން ކައިރިއަށް ދާން. ޕާޓީއަށް ނުދެވޭނެ ކަން އަންގާކަށް އެއްވެސް ނަންބަރެއް ނެތް،" އެލެކްސްގެ ބައްޕަ ބުންޏެވެ.

ނަމަވެސް ޕާޓީ ބޭއްވި ކުއްޖާގެ މަންމަ ޖޫލީ ލޯރެންސް ބުނީ އޭނާއާ ގުޅޭނެ ހުރިހާ މައުލޫމާތެއް ޕާޓީއަށް ދައުވަތު ދިން ކާޑުގައި ދީފައިވާނެ ކަމަށެވެ. ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ ކޯޓަށްދާނެ ކަމަށް ޕާޓީ ބޭއްވި ކުއްޖާގެ މަންމަ ބުންޏެވެ.