20 Jan 2015, 20:24
މާޗު މަހުގެ ސްކޫލް ބަންދާ ދިމާކޮށް، ދަރިވަރުންނަށް ހާއްސަ އުމްރާ ދަތުރުތަކެއް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް "ސަން" އަށް ވިދާޅުވީ، ކޮންމެ އުމުރު ފުރާއަކަށް ވެސް އެ އުމްރާ ދަތުރުގައި ބައިވެރިވެވޭނެ ކަމަށެވެ. އެ އުމްރާ ދަތުރަށް ނަގާނީ 23،965 ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުނގަޑުމެން ޓާގެޓް ކުރަނީ 18 އަހަރުން ދަށުގެ ދަރިވަރުންނަށް. އެ ކުދިންނަށް ގާޑިއަަންއެއް ބޭނުންވާނެ. ނަމަވެސް ބައެއް ސްކޫލްތަކުގައި ހަރަކާތްތެރިވާ އިސްލާމް ކްލަބް ނުވަތަ ސްކައުޓް ގްރޫޕްތަކާ ގުޅިގެން އުމްރާ ދަތުރުތައް ރޭވުމަށްޓަކާ އެޑިއުކޭޝަން މިނިސްޓްރީއާ މިދަނީ މަޝްވަރާކުރައްވަމުން،" ހައްޖު ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވި އެވެ.
ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ދިއުމަށް ހަމަޖެހިފައިވާ އެ އުމްރާ ދަތުރަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވެ ފައިސާ ދެއްކުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ އެވެ.
ޔާމިން ވިދާޅުވީ، އެ ދަތުރުގައި ގެންދާނެ ވަކި އަދަދެއް ކަނޑައަޅާފައިނުވި ނަމަވެސް އުއްމީދަކީ 50 ދަރިވަރުން ބައިވެރިވުން ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަންގެ އެހެން އުމްރާ ދަތުރުތަކާ ހިލާފަށް އެ ދަތުރުގައި ދަރިވަރުންނަށް ހާއްސަ ކަންތައްތަކެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުނގަޑުމެން މި ދަތުރުގައި ޒިޔާރަތްކުރާ ތަންތަން އިތުރުވާނެ. އެޑިއުކޭޝަނަލް ތަންތަން ބަލާލަންގޮސް އެތަންތަނުގެ މައުލޫމާތު ދަރިވަރުންނަށް ދެވޭނެ،" ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން ވިދާޅުވި އެވެ.