ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަންގެ 200 މީހުންގެ ޖާގައިގެ އެއާބަސް 321ގެ ބޯޓެއް މިއަދު ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަންގެ އާ ބޯޓުގައި ހިމެނެނީ ހަ ބިޒްނަސް ސީޓާއި 194 އިކޮނޮމީ ސީޓެވެ. އެ ބޯޓު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖެއްސީ މިއަދު ހަވީރު 4:50 ގަ އެވެ. މޯލްޑިވިއަންގެ އާ ބޯޓް ހުޅުލެއަށް ޖެއްސި ހަފްލާގައި މިނިސްޓަރުންނާއި އޭވިއޭޝަން ދާއިރާގެ ހަރަކާތްތެރިވާ އިސްފަރާތްތަކުގެ އިތުރުން ޗައިނާ އެމްބަސީގެ އިސްފަރާތްތަކުން ބައިވެރިވި އެވެ.

މިއީ އައިލެންޑް އޭވިއޭޝަނަށް އޭއާބަސް މަރުކާގެ ބޯޓެއް ގެނައި ދެ ވަނަ ފަހަރެވެ.

އަލަށް ގެނައި ބޯޓު ރާއްޖެ ގެނައުމުގެ ގޮތުން މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދުލް ހާރިޝް ވިދާޅުވީ އަލަށް ގެނައި ފުލައިޓާއެކު ޗައިނާގެ އިތުރު ތިން މަންޒިލަކަށް ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު ޗައިނާއިން އެކަނިވެސް ހަފްތާއަކު 900 ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ.

"އަލަށް ފަށާ ތިން ސިޓީއާއެކު ޗައިނާގެ ފަސް ސިޓީއަކަށް މޯލްޑިވިއަންގެ ދަތުރުތައް ކުރެވޭނެ. އެ ފަސް ސިޓީން ހަފްތާއަކު 900 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނެވޭނެ. މިއީ ރާއްޖޭގެ އިގްތިސާދަށް ބިލިއަނުން ރުފިޔާ ގެނެވޭނެ ކަމެއް،" ހާރިޝް ވިދާޅުވި އެވެ.

އެ ފުލެޓާއެކު ގިނަ އަދަދެއްގެ ވަޒީފާތަކެއް އުފެދިގެންދާނެ، ކަމަށާއި މޯލްޑިވިއަން ބޭރުގެ އެހެން ގައުމުތަކަށް ކުރާ ދަތުރުތަކުގައި ވެސް އެ ބޯޓް ބޭނުން ކުރާނެ ކަމަށް ހާރިޝް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޗައިނާގެ އެމްބެސެޑަރު ވަންގް ފުކަންގް ވިދާޅުވީ ޗައިނާގެ އާ މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމުން ރާއްޖެ އާއި ޗައިނާއާއި ދެމެދު އޮތް ގުޅުންތައް ބަދަހިވެގެންދާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މިއަދަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ ތެރެއިން އިތުރު ބޮޅެއް ލިބިގެންދާ ދުވަހެއް ކަމަށެވެ. އަދި މޯލްޑިވިއަން އަށް އަލަށް އިތުރި ބޯޓާއެކު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރަމުން އަންނަ ދުވެލި ބާރު ކަމަށެވެ. ލިބޭ ޝަކުވާއަކީ އައިއެންއައިއޭގެ ރަންވޭ އާއި އެހެނިހެން މައްސަލަތކުގެ ވާހަކަ ކަމަށާއި އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މޯލްޑިވިއަންއިން މިހާރު ވެސް ދަނީ ބައިނަލްއަގުވާމީ މަންޒިލްތަކަށް ދަތުރުކުރަމުންނެވެ. އެ މަންޒިލްތަކަކީ އިންޑިއާގެ މުންބާއީ އާއި ޗެންނާއީގެ އިތުރުން ބަގްލަދޭޝްގެ ޑާކާ އާއި ޗައިނާގެ ސިޓީތަކެކެވެ.

އާބޯޓާއެކު މޯލްޑިވިއަން އިން ބޭނުންކުރަނީ އެއާބަސް އޭ320 މަރުކާގެ އެންމެ ބޯޓެކެވެ. އެބޯޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެތެރޭގައި ހިމެނެނީ 14 ބިޒްނަސް ސީޓާއި 138 އިކޮނޮމީ ސީޓެވެ. އަލަށް ގެންނަ ބޯޓް އެއެއާބަސްއަށް ވުރެ ބޮޑުވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.