20 Jan 2015, 18:28
ޖުމްހޫރީޕާޓީގެ ޒުވާނުންގެ ލީގުގެ މެންބަރު އައްފާނު ނާޝިދަށް ރޭ ހަތަރު މީހުންގެ ގުރޫޕަކުން ހަމަލާ ދީފި އެވެ.
އައްފާން މިއަދު 'ސަން' އަށް ވިދާޅުވީ ރޭ ގެއަށް ދިޔަ މަގުމަތީގައި ހުޅުމާލޭ ބަސް ސްޓޮޕް ކައިރީ މަޑުކޮށްލިތަނުން، ދެ ސައިކަލެއްގައި އައި ހަތަރު މީހުންގެ ގުރޫޕަކުން އޭނާއަށް ހަމަލާ ދިނީ މެންދަމު 2:55 އެހާކަންހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ ހަމަލާދިނުމުގެ ކުރިންވެސް "ފާޑު ފާޑު" ގެ ޓްވީޓު ނުކުރުމަށް ބުނެ އިންޒާރު ދީފައިވާ ކަމަށާއި، އިންޒާރުގެ ކޯލްތަކާއި މެސްޖުތަށް މިދުވަސްކޮޅު އަންނަލެއް ގިނަ ކަމަށެވެ.
އައްފާނު ވިދާޅުވީ ރޭ ގުރޫޕަކުން އޭނާއަށް ދިން ހަމަލާގެ ސަބަބުން ނޭފަތް ފަޅައިގެން ގޮސް އެކިވަރުގެ ގެއްލުން ލިބުނުކަމަށެވެ. އެ ހަމަލާގައި ލިބުނު ޒަޚަމްތަކަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
އައްފާނަށް ދިން ހަމަލާކުއްވެރިކޮށް ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެ ހަމަލާއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި، ދިވެހިރާއްޖޭގެ ޒުވާނުންނަށް ދެވުނު ހަމަލާއެއްކަމަށް ސިފަކުރާކަމަށެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ދުލާ ގަލަމުގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލުވާލުމަށް ބަޔަކު މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެފަދަ ހަމަލާތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި އެއްގޮތަކަށްވެސް ހިނގައިގެން ނުވާނެފަދަ ދަށުދަރަޖައިގެ ނާޒަހުޒީބު އަމަލެއްކަމަށް ބުނެ، އެޕާޓީން ވަނީ އެކަން ކުއްވެރި ކުރައްވާފަ އެވެ.