ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގެކޮޅަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ވަތް މައްސަލާގެ ދިފާއުގައި އޭނާ ވާހަކަފުޅު ދެއްކެވުމުން، ފުލުހުން އެކަމަށް ރައްދުދީ "ކޮންމެ ގިންތިއެއް"ގެ މީހެއްގެ ގެއަށް ވެސް ކޯޓު އަމުރާއެކު ވަންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ ސްޕޯކްސް ޕާސަން ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 3:15 އެހާކަންހާއިރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަތްއިރު އެއީ ޑިފެންސް މިނިސްޓަރު ދިރިއުޅުއްވާ ގެކޮޅު ކަމެއް ފުލުހުންނަށް އެނގިފައިނުވާ ކަމަށެވެ. އަދި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ނާޒިމާމެދު އަމަލު ކުރައްވާފައި ވަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށް ޝިފާން ވިދާޅުވި އެވެ.

"ބަލާ ފާސްކުރަންޖެހޭ ތަނަކީ ކޮންމެ ގިންތިއެއްގެ މީހެއްގެ، އަދި ދިރިއުޅުއްވާ ތަނަކަށްވިޔަސް އެތަނެއް ބަލަން ކޯޓު އަމުރާއެކު ފުލުހުން ވަނުމުގައި ފަސްނުޖެހޭނެ ވާހަކަ މި ފުރުސަތުގައި ހުރިހާ ފަރާތެއްގެ މައުލޫމާތަށްޓަކާ ދަންނަވަން،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ ނާޒިމްގެ އެޕާޓްމެންޓުން ނުރައްކާތެރި ހަތިޔާރު ފެނިފައި ވަނީ އޭނާގެ ހާޒިރުގައި އެޕާޓްމަންޓް ބަލައި ފާސްކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ ހަތިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް "ފުޅާ ދާއިރާއެއްގައި ތަހުގީގު" ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާން ވިދާޅުވި ގޮތުގައި ނުރައްކާތެރި ހަތިޔާރު ނާޒިމްގެ ގެކޮޅުން ފެނުނު މައްސަލާގެ ތަހުގީގުގައި އޭނާއާ ސުވާލު ކުރުމުން، ޒިންމާދާރު ގޮތުގައި ނާޒިމް އެކަށީގެންވާ ޖަވާބުދާރީއެއް ވެވަޑައިގެންފައި ނުވާ ކަމަށެވެ.

ޝިފާން ވިދާޅުވި ގޮތުގައި ނާޒިމްގެ ގެކޮޅުން ފެނުނު ހަތިޔާރުގެ މައްސަލާގެ ތަހުގީގު ކުރުމަށްއެކަށީގެންވާ އެއްބާރުލުމެއް އޭނާ ނުދެއްވަ އެވެ. ތަހުގީގުގައި ނާޒިމްގެ އާއިލާގެ ބޭފުޅުނާ ވެސް ސުވާލު ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވި އެވެ.

"އެޕާޓްމަންޓުން ފެނުނު ހަތިޔާރާ ގުޅޭ ގޮތުން ފުލުހުން ވަނީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްއާއި އެބޭފުޅާގެ އާއިލާގެ ބައެއް މެމްބަރުންނާ ސުވާލުކޮށްފައި. މިގޮތުން ފުލުހުން ކުރި ސުވާލުތަކަށް ބަލައި، ޒިންމާދާރު ގޮތުގައި އެކަށީގެންވާ، ނުވަތަ އެކަށޭނަ ޖަވާބުދާރީއެއް މިހާތަނަށް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް ވެވިފައެއް ނުވޭ،" ޝިފާން ވިދާޅުވި އެވެ.

ނާޒިމްގެ ގާނޫނީ ވަކީލަކީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.