ބިލަބޮކްގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލްގެ ތެރޭގައި މީހަކަށް ކަތިވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ގއ. ދާންދޫ ފަހުދާވާދީ ފައްސާން ވަލީދު އާއި ހ. ރޯޒަންޑޭލް ޝައިބާން ޒުފްރަތު އިސްމާއީލް އާއި ހ. ސައިބާން އަލީ ރިފާންގެ އިތުރުން ގދ. ގައްދޫ ދަނބުފަށުއިގޭ އުލްޔާން އަހްމަދުގެ މައްޗަށެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެހައިކަންހާއިރު ސ. ހިތަދޫ ދޮންފަންބަގީޗާގޭ އަލީ އަކްޝަރު އަހްމަދު ހުއްޓައި އެ ހަތަރު މީހުން ދެ ސައިކަލުގައި އަމީނީމަގުން ހުޅަނގުން އުތުރަށް ދުއްވާފައި ދިޔައިރު އެމީހުންގެ އަމަލުތައް ހުރިގޮތުން އޭނައާ މެދު މާރާމާރީ ހިންގަފާނެ ކަމަށް ހީވެގެން އަކްޝަރު ސަލާމަތް ވުމަށްޓަކައި ސްކޫލްތެރެއަށް ވަތް ކަމަށެވެ.

އަކްޝަރުގެ ފަހަތުން ފައްސާނު އާއި ރިފާން އަދި އުލްޔާން އެތެރެއަށްވަދެ އެމީހުންގެ ތެރެއިން ފައްސާން ސްކޫލް އޮފީސްތެރޭގައި ހުރި ރެކެއްގެ މަތީގައި އޮތް ޓްރޮފީއެއް އަކްޝަރުއާ ދިމާލަށް އެއްލުމަށް ފަހު، ރިފާން އާއި އުލްޔާން ހިފައިގެން ހުރި ތިލައިގެ ދިގުމިނުގައި ފޫޓެއް ހުންނަވަރުގެ ކަތިވަޅިން އޭނާގެ ބޮލުގައި ޖަހައި ބޯ ފަޅާލާފައިވާ ކަމަށެވެ.

ބޯ ފަޅާލުމަށް ފަހު އެ ތިން މީހުން އަކްޝަރުގެ ގައިގައި ޓްރޮފީތަކުންނާއި ލަކުޑި ފަތިބުރިއަކުން ތަޅައި މާރާމާރީ ހިންގާފައިވާ ކަމަށާއި އެ ހަމަލާތަކުގެ ސަބަބުން އޭނާ އަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަން އޭނާގެ މެޑިކޯލީގަލް ރިޕޯޓުން އެނގޭ ކަމަށް ވެސް ދައުވާގައި ވެއެވެ.

އިއްޔެ ބޭއްވި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި އެ އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. މިއަދު ބޭއްވި އެ މައްސަލައިގެ ދެވަނަ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފަ އެވެ. އެގޮތުން ހަތަރު މީހަކު ހެކީންގެ ގޮތުގައި މިއަދު ވަނީ ހުށަހަޅައިފަ އެވެ. އަދި ސިއްރު ހެކި ހުށަހެޅުމަށް ދެ ދުވަހުގެ ފުރުސަތެއް ގާޒީ ވަނީ ދައުލަތަށް ދެއްވާފަ އެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ 10:00ގަ އެވެ.