20 Jan 2015, 17:37
މިއަދު މަގާމުން ވަކިކުރެއްވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ގެކޮޅަށް ހުއްދައަކާ ނުލައި ވަދެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ޑިފެންސް މިނިސްޓަރުގެ ގެއަށް އެގޮތަށް ވަދެވޭ ނަމަ، ދިވެހި އެއްވެސް ރައްޔިތެއްގެ ސަލާމަތާއި ރައްކާތެރިކަމެއް ނެތް ކަމަށް ވިދާޅުވެ ނާޒިމް މިއަދު ދެއްކެވި ވާހަކަފުޅު ސަރުކާރުން ދޮގު ކުރައްވައިފި އެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ އެފަދަ ކަންކަމުން ދޭހަވެގެންދަނީ "ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އޮތްކަން،" ކަމަށެވެ. މުއާޒު ވިދާޅުވީ އެއްވެސް ގެއެއްގައި ގާނޫނާ ހިލާފު ކަމެއް ހިނގާ ކަމަށް ވަނީ ނަމަ ނުވަތަ ގާނޫނާ ހިލާފު އެއްޗެއް އޮތް ކަމަށް ވަނީ ނަމަ އެއީ ދިވެހި ފުލުހުން އެކަމަކަށް އެޓެންޑުވާން ޖެހޭ ފަދަ ހާލަތެއް ކަމެއް އޭނާ ވިދާޅުވި އެވެ.
"އެފަދަ ހާލަތަކަށް ދިވެހި ފުލުހުން އެޓެންޑު ކުރުމަކީ އެހެން ރައްޔިތުންނަށް ލިބިގެންދާ އިތުރު ސަލާމަތްތެރި ކަމެއް. އެނގިވަޑައިގަންނަވާނެ މިހާދިސާގައި ދިވެހި ފުލުހުން މިދިޔައީ ނުރައްކާތެރި ހަތިޔާރުގެ ގޮތުގައި ބެލެވޭ އެއްޗެއް ގެއެއްގައި ހުރެގެން އެގެއެއް ބަލާ ފާސްކުރަންކަން. އެހާލަތެއްގައި ފުލުހުން އެ ގެ ބަލައި ފާސްކުރުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި ދަންވަރު އާންމު ރައްޔިތުންނަށް ނިދަން ނުކެރޭނެ ހާލަތަކަށް ގައުމު ދިއުމެއް ނޫން،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ އެފަދަ ކަމަކަށް ފުލުހުން އެޓެންޑު ވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔަ އިތުރު ރައްކާތެރިކަމެއް ކަމަށެވެ. އެހެންނަމަވެސް ތޫނު ހަތިޔާރު ގެންގުޅޭ ފަރާތްތަކަށް ސަލާމަތާ ރައްކާތެރިކަން ނެތްކަން އެކަމުން ދޭހަވެގެންދާ ކަމަށް މުއާޒުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
"އެފަރާތްތަކަކަށް ނެތް މުޖުތަމައުގައި ރައްކާތެރިކަމެއް ވެސް ސަލާމަތްތެރިކަމެއް ވެސް. އެފަދަ ކަންކަން ތަހުގީގުކޮށް ކުއްވެރިވާ ފަރާތްތެއްވާ ނަމަ އަދަބުދީ ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރުމަކީ އަދުލު އިންސާފު ގައުމުގައި ގާއިމްކުރުން. ފަހަރެއްގައި ވެސް އަޅުގަނޑު މިދަންނަވަނީ ކުރީގެ ޑިފެންސް މިނިސްޓަރަށް އެއްވެސް ކަމެއް ސާބިތުވި ވާހަކައެއް ނޫން،" މުއާޒު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި ނާޒިމް މަގާމުން މިއަދު ވަކިކުރެއްވީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް މުއާޒުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައި އެވެ. މުއާޒު ވިދާޅުވީ ރައީސް ޔާމީންގެ ވަޒީރުންގެ މަޖިލީހުގައި ތިއްބަވާނީ ރައީސުލްޖުމްހޫރިއްޔާ "ވަރަށް އިތުބާރު" ކުރައްވާ ބޭފުޅުން ކަމަށެވެ.
"ކެބިނެޓުގައި ނުހުންނަވާނެ ރައީސުލްޖުމްހޫރިއްޔާ އިތުބާރު ނުކުރައްވާ ބޭފުޅެއް. އެހެންނަމަވެސް މިހިނގަމުންދާ މައްސަލައިގެ ބާވަތުންނާއި ރައީސް ޔާމީނަށް ހިނގަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ މައްސަލާގެ ބާވަތުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގެންނެވީ ޑިފެންސް މިނިސްޓަރުގެ ޒިންމާތައް ނަންގަވަން،" މުއާޒު ވިދާޅުވި އެވެ.
އެހެންނަމަވެސް މިއަދު މަގާމުން ވަކިކުރެއްވި ޑިފެންސް މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ ގެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 3:15 އެހައިކަންހާއިރު ފުލުހުން ވަދެ އެމަނިކުފާނުގެ އެޕާޓްމަންޓު ބަލާ ފާސްކުރެއްވިކަން ރައީސް ޔާމީނަށް އެނގިވަޑައިނުގަންވަނާ ކަމަށް މުއާޒު ވިދާޅުވި އެވެ.
"ހަގީގަތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގެންނޫން ނާޒިމްގެ ގެކޮޅަށް ފުލުހުން ވަދެވަޑައިގެންނެވީކީ އެއް. ރައީސުލްޖުމްހޫރިއްޔާ ވެސް ގަބޫލުކުރައްވާ ގޮތުގައި ޑިފެންސް މިނިސްޓަރުގެ ގެކޮޅަށް ފުލުހުން ބަލާ ފާސްކުރުމަށްދާ ކަމަށްވާ ނަމަ ރައީސުލްޖުމްހޫރިއްޔާގެ ބަހެއް ނުވަތަ އޯޑަރެއް ހިމަނަންޖެހޭ." މުއާޒުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ނާޒިމްގެ ގެކޮޅަށް ފުލުހުން ވަދެ އެ އެޕާޓްމަންޓު ބަލާ ފާސްކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް އޯޑަރެއް ނެތް ކަމަށެވެ.