20 Jan 2015, 17:33
ޗެކްތަކަކަށް ބަދަލު ގެނެސް ފައިސާތަކެއް ނެގި މައްސަލައެއްގައި ދިރާގުގެ ފައިނޭންސް ޑިޕާޓްމަންޓުގެ ކުރީގެ މެސެންޖަރަކު 17 އަހަރާއި ފަސް މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ހއ. މާރަންދޫ ފަޒާ އަބްދުﷲ ހާޝިމްގެ މައްޗަށެވެ. އެކި ކުންފުނިތަކަށް ނެގޭގޮތަށް ދިރާގުން ތައްޔާރުކޮށްފައިވާ އަށް ޗެކަކަށް ބަދަލުގެނެސް 203657.36 ރުފިޔާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަކަށް މަކަރާއި ހީލަތުން އޭނާ ޖަމާކޮށްފައިވާ ކަމަށެވެ.
މިއީ އޭނާގެ މައްޗަށް އެ ބާވަތުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވިޔަސް، ދިގު މުއްދަތުގެ ޖަލު ހުކުމެއް އައީ ފައިސާގެ އަދަދު ބޮޑުވުމުންނެވެ.
އޭނާ ބަދަލު ގެނެސްފައިވަނީ ދިރާގުގެ އެކައުންޓުން ސަން އެފްއެމް އަށް ނެގޭގޮތަށް ދޫކޮށްފައިވާ ޗެކަކާއި އޭޖޭ އެންޓަޕްރައިޒަސްއާއި އޭޒެޑްއޭ އިންވެސްޓްމަންޓާއި ފ. ބިލެތްދޫ ކައުންސިލްގެ އިދާރާ އާއި ވަލްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެމްއެންބީސީ އާއި އެމްބީސީއަށް ނެގޭގޮތަށް ދޫކޮށްފައިވާ ޗެކްތަކަކަށެވެ.