ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުންނަކީ ގާބިލު ޓީޗަރުންނަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ހިދުމަތުގައި ތިބި ޓީޗަރުންގެ ތެރެއިން 2000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކޮށްދިނުމަށް ކޮލެޖުތަކާއި، ޔުނިވަސިޓީތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހިދުމަތުގައި ތިބި މުދައްރިސުން ޑިގްރީ ފެންވަރަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޢުލީމާއި ތަމްރީނުދޭ ކޮލެޖް އަދި ޔުނިވަސިޓީތަކަށް ހުޅުވާލައިފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މުދައްރިސުން ޑިގްރީ ފެންވަރަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްގައި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލު ލިޔެފައި އޮންނަންވާނެކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ޔުނިވަސިޓީ ނުވަތަ ކޮލެޖުގެ ވަނަވަރާއި އެ ފަރާތުގެ ތަފުސީލު ބަޖެޓް، ވާކްޕްލޭނުގެ ކޮންމެ ބައެއްގެ ތަފުސީލު ޚަރަދު އެނގޭނެ ގޮތަށް ހިމަނަން ވާނެ ކަމަށް ބުނެފައިވެ އެވެ.

ޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކަށް ކަނޑައަޅާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު ފަހު 14:30 އެވެ.

ޓީޗަރުން ތަމްރީނު ކުރުމަށް ބޭނުންވާ ފަރާތަތަކަށް ފުރުސަތު ހުޅުވާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ޓީޗަރުންގެ އާ އޮނިގަނޑުގެ ދަށުން، ޓީޗަރެއްގެ ވަޒީފާ އަދާކުރެވޭނެ އެންމެ ދަށް މިންގަނޑަކީ ޑިޕްލޮމާ ފެންވަރެވެ.

ހިދުމަތުގައި ތިބި، ސެޓްފިކެޓް ފެންވަރުގެ ޓީޗަރުން ޑިޕްލޮމާ ފެންވަރަށް ގެނައުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރުން ތަމްރީނު ކުރުމަށް، ގައުމީ ޔުނިވަސިޓީއާއި މަންދު ކޮލެޖާއި ގުޅިގެން ޕްރޮގްރާމްތަކެއް ފަށަން ނިންމާފައެވެ.