20 Jan 2015, 17:15
"އިސްލާމިކް ސްޓޭޓް"އަށް ނިސްބަތްވާ ބަޔަކު ޖަޕާނުގެ ދެ މީހަކު ރަހީނުކޮށް 200 މިލިއަން ޑޮލަރު ހޯދުމަށް ހުށަހަޅައިފި އެވެ.
އޮންލައިން ވީޑިއޯއަކާ ހަވާލާދީ ދަ ޖަޕާން ނިއުސް އިން ބުނީ އެ ފައިސާ ދެއްކުމަށް 72 ގަޑި އިރުދީފައިވާ ކަމަށެވެ.
އޮރެންޖު ކުލައިގެ ޖަމްޕް ސޫޓުލައިގެން ތިބި ޖަޕާނު ދެ މީހުންގެ ނަމަކީ، އެ ގްރޫޕުން ބުނި ގޮތުގައި، ޖަޕާނުގެ ކެންޖާއި ގޮޓޯ ޖޫގޯ އާއި ހަރައުނާ ޔުކައުވާ އެވެ.
ގޮޓޯއަކީ ފްރީލާންސް ނޫސްވެރިއެކެވެ. އޭނާ ހުރި ކަމަށް ބެލެވެނީ ސީރިޔާގައި ކަމަށާއި އޭނާ އެންމެ ފަހުން ޓުވީޓެއް ކޮށްފައި ވަނީ މިދި އަޮކްޓޫބަރު މަހު 23ގައި ކަމަށް ޖަޕާނު ނޫހުން ބުންޏެވެ. ހަރުއާނަކީ މިދިޔަ އަހަރު އޯގަސްޓް މަހުގެ ތެރޭގައި އައިއެސްގެ މީހުން އަތުލައިގެންފައިވާ މީހެއް ކަމަށް ބެލެވޭ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ވީޑިއޯގައި ސީދާ އެޑްރެސްކޮށްފައި ވަނީ، ހޮނިހިރު ދުވަހު ކައިރޯގައި އިސްލާމިކް ސްޓޭޓާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް 200 މިލިއަން ޑޮލަރު ހޭދަ ކުރައްވާނެ ކަމަށް ވިދާޅުވި ޖަޕާނުގެ ބޮޑުވަޒީރު އަބޭ އަށެވެ. އަދި އެ ވީޑިއޯގައި ބުނެފައި ވަނީ "މުސްލިމުންގެ ކުޑަކުދިންނާއި އަންހެނުން މެރުމަށް އަދި އެ މީހުންގެ ގެދޮރު ސުންނާފަތި ކުރުމަށް 100 މިލިއަން ޑޮލަރު" ޖަޕާނުން ހަރަދުކޮށްފައިވާ ކަމަށެވެ.
ޖަޕާނު ސަރުކާރުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިއަދު ބޭއްވި ނޫސްކޮންފަރެއްސެގައި ވިދާޅުވީ އެއީ ސައްހަ ވީޑިއޯއެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަކިީ އެންމެ އިސްކަމެއްދޭ ކަމެއް ކަމަށް ބަލައިގެން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
އިސްލާމިކް ސްޓޭޓުން ވަނީ މިހާތަނަށް ވަނީ އެމެރިކާގެ ތިން މީހަކާއި އިނގިރޭސިއެއްގެ ކަރު ބުރިކޮށްފަ އެވެ.