ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމްގެ ގެކޮޅު ބަލައި ފާސްކުރިއިރު، އެ އެޕާޓްމެންޓުން ނުރައްކާތެރި ހަތިޔާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސްގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ، ނާޒިމްގެ އެޕާޓްމެންޓުން ނުރައްކާތެރި ހަތިޔާރު ފެނިފައިވަނީ އޭނާގެ ހާޒިރުގައި އެޕާޓްމަންޓް ބަލައި ފާސްކުރަމުންދަނިކޮށް ކަމަށެވެ. އަދި އެ ހަތިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް "ފުޅާ ދާއިރާއެއްގައި ތަހުގީގު" ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވި އެވެ.

"އެޕާޓްމަންޓް ބެލުމުގެ މަސައްކަތް ފުލުހުންކޮށްފައި ވާނީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ހާޒިރުގައި. ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓް ބަލައި ފާސްކުރަމުންދަނިކޮށް އެ އެޕާޓްމަންޓުން ވަނީ ނުރައްކާތެރި ހަތިޔާރު ފެނިފައި. އެޕާޓަމްނޓުން ފެނުނު ނުރައްކާތެރި ހަތިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މިހާރު ދަނީ އެކަމާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުން،" ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޝިފާން ވިދާޅުވި އެވެ.

ނާޒިމްގެ ގެކޮޅުން ފެނުނު ހަތިޔާރުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އިތުބާރު ހުރި ފަރާތަކުން "ސަން"އަށް ކިޔާދީފައިވާ ގޮތުގައި އޭނާގެ ގެކޮޅުން ފެނިފައި ވަނީ ދެ ފިސްތޯލެވެ.

ޝިފާން ވިދާޅުވި ގޮތުގައި ނާޒިމްގެ ގެކޮޅުން ފެނުނު ހަތިޔާރުގެ މައްސަލާގެ ތަހުގީގު ކުރުމަށްއެކަށީގެންވާ އެއްބާރުލުމެއް އޭނާ ނުދެއްވަ އެވެ. ތަހުގީގުގައި ނާޒިމްގެ އާއިލާގެ ބޭފުޅުނާ ވެސް ސުވާލު ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވި އެވެ.

"އެޕާޓްމަންޓުން ފެނުނު ހަތިޔާރާ ގުޅޭ ގޮތުން ފުލުހުން ވަނީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްއާއި އެބޭފުޅާގެ އާއިލާގެ ބައެއް މެމްބަރުންނާ ސުވާލުކޮށްފައި. މިގޮތުން ފުލުހުން ކުރި ސުވާލުތަކަށް ބަލައި، ޒިންމާދާރު ގޮތުގައި އެކަށީގެންވާ، ނުވަތަ އެކަށޭނަ ޖަވާބުދާރީއެއް މިހާތަނަށް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް ވެވިފައެއް ނުވޭ،" ޝިފާން ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމުން ނާޒިމް ވަކިކުރެއްވުމާ ގުޅިގެން އޭނާ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ފުލުހުން އޭނާއާމެދު އަމަލުކޮށްފައި ވަނީ މިނިސްޓަރަކާމެދު އަމަލު ކުރަންޖެހޭ ގޮތަށް ނޫން ކަމަަށެވެ. ފުލުހުން އޭނާގެ ގެއަށް ދަންވަރު ވަނުމުން، ދިވެހި އެއްވެސް ރައްޔިތަކަށް ސަލާމަތާއި ރައްކާތެރިކަމެއް މިއަދު ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ގެކޮޅުން ނުރައްކާތެރި ހަތިޔާރު ފެނުނު މައްސަލާގައި ފުލުހުން އޭނާގެ މައްޗަށް ހިންގާ ތަހުގީގުގައި ދިފާއީ ވަކީލަކަށް ހުންނަވާނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ކަމަށް ނާޒިމް މިއަދު ވަނީ ވިދާޅުވެފަ އެވެ.