ކުރީގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުއްނެވި ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް މިސްރާބު ބަދަލުކުރެއްވުމަކީ ލިބުނު ހިތާމައެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ މިސްރާބު ބަދަލުވުމުން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ އަދީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެކުގައި މަސައްކަތް ކުރެއްވި ގާތް މީހަކު ވަކިވެގެން ދިއުމަކީ އޭނާ އަށް ލިބުނު ހިތާމައެއް ކަމުގަ އެވެ.


އަދީބު މިހެން ވިދާޅުވެފައި ވާއިރު، ނާޒިމް ޑިފެންސް މިނިސްޓަރުކަމުން ވަކިކުރެއްވުމުގައި އަދީބުގެ އަތެއްވާކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ތުހުމަތުކުރައްވާފަ އެވެ.

ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން ނާޒިމް ވަކިކުރައްވައި އެ މަގާމަށް، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު މިއަދު ރައީސް ޔާމީން އައްޔަންކުރެއްވުމާ ގުޅިގެން، ނޫސްވެރިންނާ ބައްދަލު ކުރައްވައި ނާޒިމް ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ ގެ އަށް ރޭ ގަނޑު ދަންވަރު އެ ގޮތަށް ވަދެވޭ ނަމަ ދިވެހި އެއްވެސް ރައްޔިތަކަށް ރައްކާތެރި ކަމެއް ނެތް ކަމަށެވެ.

ނާޒިމު ދިރިއުޅުއްވާ ގަލޮޅު އެނިފަށް ފުލުހުން ހޮނިހިރު ދުވަހުގެ ރޭ ވަދެ ފާސް ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.