20 Jan 2015, 16:13
ކުވެއިތުގައި މިމަހު ބާއްވަން ހަމަޖެހިފައިވާ އޭޝިއަން އެތުލީޓްސް ފޯރަމްގައި ރާއްޖޭގެ ދެ އެތުލީޓުން ބައިވެރިވާނެ ކަމަށް އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.
ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މައުލޫމާތު ދިން ގޮތުގައި އެ ފޯރަމްގައި ރާއްޖެއިން ބައިވެރިވާ ދެ އެތުލީޓުންނަކީ ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން އަހުމަދު މުންސިފް މޫސާ އާއި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއެޝަނުން ފަދުވާ ޒާހިރު އެވެ.
މުންސިފް އަކީ ޓީޓީ އެސޯސިއެޝަނުން ބާއްވާ ގައުމީ ޓީޓީ މުބާރާތުގެ ފިރެހެން ސިންގަލްސް ޗެންޕިއަންކަން ހަތަރު ފަހަރަށް ހޯދާފައިވާ ކުޅުންތެރިއެކެވެ. ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން އަދާކުރުމުގެ އިތުރުން، ފަދުވާ އަކީ މީގެ ކުރިން ސްވިޑެންގެ ސްޖާލެވަޑް ލޭޑީސްއަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
މި މަހުގެ 22 ވަނަ ދުވަހުން 24 ވަނަ ދުވަހަށް ބާއްވަން ހަމަޖެހިފައިވާ އޭޝިއަން އެތުލީޓްސް ފޯރަމް އަކީ އެފަދަ ގޮތަކަށް ބޭއްވޭ ދެވަނަ ފޯރަމް އެވެ. އެ ފޯރަމްގެ ބެނުމަކީ އެތުލީޓުންނަށް ދިމާވާ ކަންކަމާއި ކުޅޭ ކުޅިވަރުތަކާ ބެހެގޮތުން މަޝްވަރާ ކުރުމުގެ އިތުރުން، ގައުމީ އޮލިމްޕިކް ކޮމިޓީތަކާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ.
އޭޝިއަން އެތުލީޓްސް ފޯރަމް އިންތިޒާމްކޮށްފައި ވަނީ ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީގެ އެތުލީޓްސް ކޮމިޝަންގެ އިތުރުން އޭއެންއޯސީގެ އެތުލީޓްސް ކޮމިޝަނާއި އޭޝިއާގެ އޮލިމްޕިކް ކޮމިޓީގެ ފަރާތުންނެވެ. އަދި އެ ފޯރަމްގައި އޭޝިއާގެ 100 އަށްވުރެ ގިނަ އެތުލީޓުންބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގެ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުންވެސް ވަނީ ބައިވެރިވާ ގޮތަށް ހަމަޖެހިފައެވެ.
އެންމެ ފުރަތަމަ އޭޝިއަން އެތުލީޓްސް ފޯރަމް ބާއްވާފައި ވަނީ 2011 ވަނަ އަހަރު ޓޯކިޔޯގަ އެވެ. އަދި މިއަހަރު ބޭއްވޭ ފޯރަމް ކުރިން ބޭއްވުނު ފޯރަމްއަށްވުރެ ބޮޑު ވާނެ ކަމަށް ރާއްޖެގެ އޮލިމްޕިކް ކޮމިޓީން ވަނީ މައުލޫމާތު ދީފައެވެ.