އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައިވާ ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިސްކަޕް)ގެ މެޗުތަކުގެ ޓިކެޓް ބައްލަވައިގަންނަ ފަރާތްތަކަށް 10،000 ރުފިޔާގެ ލަކީ ޑްރޯއެއްގައި ބައިވެރި ވެވޭނެ ކަމަށް އެފްއޭއެމުން ހާމަކޮށްފި އެވެ.

އެފްއޭއެމުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެ މުބާރާތުގެ ޓިކެޓް ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން އެ ލަކީ ޑްރޯގައި ބައިވެރި ވެވޭނެ އެވެ. އަދި ކޮންމެ މެޗެއްގެ އިންޓަވަލް ވަގުތު އެ ލަކީ ޑްރޯގެ ގުރު ނެގޭނެ ކަމަށާއި، އެ ވަގުތު އެ ލަކީ ޑްރޯގެ ނަސީބުވެރި ފަރާތް އިއުލާނު ކުރެވިގެން ދާނެ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

މިފަހަރު މުޅިން އަލަށް ބޭއްވިގެންދާ ޕީޕަލްސް ކަޕާ ގުޅިގެން އެފްއޭއެމުން ވަނީ ގިނަ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ހިންގަން ރާވާފައެވެ. އަދި އެ މުބާރާތުގެ މެޗުތަކުގެ ޓިކެޓު ވިއްކައިން ލިބޭ ފައިސާ، ރައްޔިތުންގެ ނަމުގައި ޗެރިޓީއަށް ހަދިޔާ ކުރަން ނިންމާފައި ވާކަންވެސް އެފްއޭއެމުން މިއަދު ވަނީ ހާމަކޮށްފައެވެ.

މީގެ ކުރިން "ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް"ގެ ނަމުގައި ބޭއްވި އެ މުބާރާތް ރިބްރޭންޑް ކޮށް، "ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް"އަށް އެ މުބާރާތުގެ ނަން ބަދަލުކޮށްފައި ވާކަން އެފްއޭއެމުން ހާމަކޮށްފައި ވަނީ އިއްޔެ އެވެ.