ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗަކީ ގާނޫނާ ޚިލާފަށް އެކުލަވާފައިވާ ބެންޗެއް ކަމަށް ކަނޑައަޅައި ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލްކޮށްފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ އެ މައްސަލަ ތާވަލްކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ 2:20 އަށް ކަމަށެވެ.

ޖޭއެސްސީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލައާ މެދު ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން ރައީސް ނަޝީދާ ދެކޮޅަށް ހުޅުމާލޭ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ހައިކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ސުޖާއު އުސްމާން ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފަ އެވެ. އަދި ހުސައިން މަޒީދު ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައެވެ.