ސްރީލަންކާގައި މިހާރު އޮތް ރިޔާސީ ނިޒާމު އުވާލައި އެގައުމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވާނެ އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެންޑީޓީވީ އަށް އިއްޔެ ދެއްވި އިންޓަވިއުއްގައި ވިކްރަމަސިންހާ ވިދާޅުވެފައި ވަނީ ދައުލަތް ހިންގުމުގެ އެންމެ އިސް ވެރިއަކަށް ރައީސް ހުންނަވާ ގޮތަށް މިހާރު ސްރީލަންކާގައި އޮތް ރިޔާސީ ނިޒާމު އުވައިލުމަށް މި މަހުގެ ތެރޭގައި ގާނޫނު އަސާސީ އަށް ބަދަލު ގެންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. ގާނޫނު އަސާސީ އަށް އެ ބަދަލު ގެނައުމަށް ފަހު އަންނަ މޭމަހު ނުވަތަ ޖޫން މަހު ޕާލަމެންޓްގެ އިންތިހާބު އަލުން ބާއްވަވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"... އަހަރެމެން ބޭނުންވަނީ ރިޔާސީ ނިޒާމު އުވައިލުމަށް ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ ބަދަލު މިމަހު ގެންނަން. ދެން ޖޫންގައި، އެންމެ ބޮޑަށް ލަފާކުރެވެނީ މޭ ނުވަތަ ޖޫންގައި އަހަރެމެން ޕާލަމެންޓްރީ އިންތިހާބު ބޭއްވޭނެ ކަމަށް. އަދި ރައްޔިތުންނަށް ނިންމޭނެ ބޮޑުވަޒީރަކަށް އަދި ސަރުކާރުގެ އިސްވެރިއަކަށް ހުންނާނީ ކާކުކަން،" ވިކްރަމަސިންހަ ވިދާޅުވެފައިވެ އެވެ.

ސްރީލަންކާގައި މިހާރު އޮތް ސަރުކާރަކީ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސަރުކާރެއް ނޫން ކަމަށާއި އެއީ ވިކްރަމަސިންހަގެ ސަރުކާރެއް ކަމަށް ގިނަ ބަޔަކު ދެކޭ ދެކުމަކީ ތެދެއްތޯ އެންޑީޓީވީން ސުވާލުކުރުމުން އޭނާ ވިދާޅުވެފައި ވަނީ ސަރުކާރުގައި ޕާޓީތައް ބައިވެރިވާ ކަމަށާއި ސަރުކާރު ހިންގާނީ ޕާޓީތައް ގުޅިގެން ކަމަށެވެ.

ސްރީލަންކާގެ އާ ސަރުކާރު ވެރިކަމަށް އައީ ރައީސަށް ގިނަ ބާރުތަކެއް ލިބިދޭ ގޮތަށް ކުރީގެ ރައީސް ރާޖަޕަކްސާގެ ނުފޫޒުން ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތައް އުވައިލުމުގެ ވައުދާ އެކުގަ އެވެ. އެގައުމުގައި ބަރުލަމާނީ ނިޒާމު ގާއިމްކުރާނެކަން މިހާރުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ވެސް ހާމަކޮށްފައިވެ އެވެ.