އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައިވާ ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިސްކަޕް)ގައި ވާދަކުރާ ނިއުރޭޑިއެންޓާއި މާޒިޔާއަށް އެފްއޭއެމުން 100،000 ރުފިޔާ ހަވާލުކޮށްފި އެވެ.

އެ ކްލަބްތަކަށް އެފްއޭއެމުން ފައިސާގެ ރަމްޒީ ޗެކެއް ހަވާލުކޮށްފައި ވަނީ މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ކްލަބުތަކަށް ފައިސާ ހަވާލުކޮށްދެއްވީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެވެ.

ޕީޕްލްސް ކަޕަށް ތައްޔާރު ވުމުގެ ގޮތުން އެފްއޭއެމުން އެ ދެ ކްލަބަށް 100،000 ރުފިޔާ ދީފައި ވާއިރު، އެއީ އެ މުބާރާތުގެ ޗެންޕިއަން ޓީމަށްވެސް ހުށަހެޅިފައިވާ ފައިސާގެ އިނާމާ އެއްވަރުގެ އަދަދެކެވެ.

އެފްއޭއެމުން މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރު ޕީޕަލްސް ކަޕުން ފަށަން ހަމަޖެހިފައި ވާއިރު، އެ އެސޯސިއޭޝަނުން މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރަށް ވެސް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކުގެ ތެރޭގައި މިއަހަރުގެ ދިވެހި ލީގު "ޕްރިމިއާ ލީގް" އަށް ރިބްރޭންޑް ކުރުމަށް އެ އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. އަދި އެ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން، އެ މުބާރާތުގައި ވާދަކުރާ ޓީމްތަކަށް "ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ" ދެވޭނެ ކަމަށް ޝަވީދު ވަނީ ވިދާޅުވެފައެވެ.

ޕީޕަލްސް ކަޕް ފަށަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު އެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު މާޒިޔާ އާއި ސިންގަޕޯރ ލަޔަންސް ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، އެ ރޭ ކުޅޭ މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ނިއު އާއި ޕީޑީއާރްއެމް އެވެ.