20 Jan 2015, 15:06
ދެހާސް އަށާރަ ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް މިއަދު ޑިފެންސް މިނިސްޓަރު ކަމުން ވަކި ކުރެއްވި މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން މިއަދު ވަކިކުރެއްވުމާ ގުޅިގެން ދިޓީވީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން "އަދި ނުގެންގުޅުއްވާ" ކަމަށެވެ.
"އަޅުގަނޑު ވާނީ އެކަން އަޅުގަނޑުގެ ސިޔާސީ އެކުވެރިންނަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެކަން ދަންނަވާފައި. އެހެންނަމަވެސް ކޮންމެ ދިވެހި ރައްޔިތަކީ ވެސް އެ ރައްޔިތަކަށް އެކަމުގެ ފުރިހަމަ ހައްގު އޮތް ފަރާތެއް. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެކަން އަޅުގަނޑު ކާރީގައި ކުރަން އެދެފި ހާލަތެއްގައި އަޅުގަނޑު ވެސް އެކަން ކުރުމަށް އިރާދަކުރެއްވިއްޔާ ނުކުންނާނަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެމަނިކުފާނަކީ ދައުލަތުގެ ވަރަށް ގިނަ "ސިއްރު"ތަކެއް އެނގިވޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ސަރުކާރަށް ކޮންމެވެސް މުއްދަތެއް ދޭން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ މުއްދަތަކަށް ފަހު "އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރާނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
"އެހެންނަމަވެސް މިއަދު ކުއްލިއަކަށް އަޅުގަނޑު ވަޒީފާ އިން ވަކިކުރެއްވީތީ ކުއްލިއަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއަދު ދިވެހި ދައުލަތުގެ މަގާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް އެއްޗެހި ކިއުމަކީ ކުރަންވާނެ ކަމެއް ކަމަކަށެއް. އަޅުގަނޑަކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ މީހެއް،" ނާޒިމް ވިދާޅުވި އެވެ.
ދައުލަތުގެ ޑިފެންސް މިނިސްޓަރުގެ ގެއަށް، ދަންވަރު ހުއްދައަކާ ނުލައި ވަދެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ޑިފެންސް މިނިސްޓަރުގެ ގެއަށް އެގޮތަށް ވަދެވޭ ނަމަ، ދިވެހި އެއްވެސް ރައްޔިތެއްގެ ސަލާމަތާއި ރައްކާތެރިކަމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޑިފެންސް މިނިސްޓަރުގެ ގެއަކީ މީހުންނަށް ނޭނގޭ ގެއެއްގެ ގޮތުގައި އޮވެގެން ނުވާނެ. އަދި އެކަން ކުރެވޭ އިރުގައި ދައުލަތުގެ ވަލީއުލް އަމުރަށް އެންމެ އިސްކޮށް ހުރި ފަރާތަށް ނޭނގި އެކަން ކުރެވިދާނެ ކަމަކަށެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު ގާތުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ތިމަންނާ އަކަށް އެކަން އެނގިވަޑައިގެންފައި ނެތް ކަމަށް. އަޅުގަނޑު ގެއަށް ފުލުހުން އައިސް އެކަން ކުރި އިރުގައި،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެމަނިކުފާނު ދިރިއުޅުއްވާ ގެ އަށް ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ވަން މައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެ މައްސަލާގައި އެއްޗެއް ވިދާޅުވާނީ އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިކަން މިހިނގައި ދިޔަ ގޮތުން އަޅުގަނޑަށް ގަބޫލުކުރެވެނީ ދިވެހި އެއްވެސް ރައްޔިތެއްގެ ސަލާމަތާއި ރައްކާތެރިކަން މިއަދު ނެތްކަން. ބޭނުންވެއްޖެ ހިނދެއްގައި ބޭނުއްވެއްޖެ މީހެއްގެ ގެއަށް ކޮންމެ އިރަކު ވަދެއް ކޮންމެ ފަދަކަމެއް ވެސް ކުރެވިދާނެ ކަމުގެ ވަރަށް ގޯސް ސިގުނަލެއް މިއަދު ލިބިގެން މިދިޔައީ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެންމެ ގާތުގައި ހުންނާނީ ޑިފެންސް މިނިސްޓަރު އެއީ ދުނިޔޭގެ ކަންތައް ހިނގަމުން އާދަވެގެން އަންނަ ގޮތް. އެހެންވީމަ ޑިފެންސް މިނިސްޓަރު ގެއަށް ބޭނުން އިރަކު ބަޔަކަށް ވަދެ އެކަން ކުރެއްވިޖެ ހާލަތެއްގައި ދިވެހި އެއްވެސް ރައްޔިތެއްގެ ސަލާމަތާއި ރައްކާތެރިކަމެއް ނޯންނާނެ." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރެއްވުމަށް ފަހު އެ މަގާމަށް މިއަދު އައްޔަން ކުރައްވާފައި ވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު އެވެ.
ނާޒިމް މަގާމުން ވަކިކުރައްވާފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 3:15 އެހައިކަށްހާ އިރު ފުލުހުން ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ވަދެ އެމަނިކުފާނުގެ އެޕާޓްމަންޓު ބަލައި ފާސްކޮށް ފުލުހުންގެ ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ގެންގޮސްފައި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އެމަނިކުފާނުގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.