20 Jan 2015, 13:41
ޑިފެންސް މިނިސްޓަރުގެ މަގާމްމުގައި ހުންނެވި ކާނަލް (ރިޓަޔަޑް) މުހައްމަދު ނާޒިމް އެ މަގާމުން ވަކިކުރައްވައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލަށް ޑިފެންސް މިނިސްޓަރުކަން ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވަނީ، ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ނާޒިމް މަގާމުން ވަކިކޮށް އެމަގާމަށް މޫސާ އަލީ ޖަލީލް އައްޔަން ކުރައްވާފައިވާ ކަމަށެވެ. ޖަލީލް މިހާރު ވަނީ ޑިފެންސް މިނިސްޓަރު ކަމުގެ ހުވާވެސް ކުރައްވާފައެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް ކުރިން ހުންނެވީ ޕާކިސްތާންގެ ސަފީރުކަމުގެ މަގާމުގައެވެ.
ނާޒިމް ޑިފެންސް މިނިސްޓަރު ކަމުން ވަކިކޮށްފައިވާއިރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ފާސްކޮށް، ފުލުހުން އެ އެޕާޓްމަންޓުން ގެންދިޔައީ ފިސްތޯލެއް ކަން ވަކީ އެނގިފައެވެ.
މިނިސްޓަރު ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. އަދި އެ ކަމާ ގުޅޭ ގޮތުން މިނިސްޓަރު ނާޒިމް ވިދާޅުވީ "ތިޔަ މައްސަލާގައި އެއްޗެއް ވިދާޅުވާނީ ފުލުހުން،" ކަމަށެވެ.
މޫސާ އަލީ ޖަލީލް ވަނީ، ސަރުކާރު ހިންގާ ޕީޕީއެމް އަށް ސޮއިކުރައްވައިފަ އެވެ.
މޫސާ އަލީ ޖަލީލް އަކީ ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރުމަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ގައުމީ ބަތަލެކެވެ.