ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕްގެ ޓިކެޓުތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރާނީ ރައްޔިތުންގެ ނަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ކަމަށް އެފްއޭއެމުން ހާމަކޮށްފި އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވީ، ޕީޕަލްސް ކަޕްގެ ފައިސާ ރައްޔިތުންގެ ނަމުގައި ޗެރިޓީއަށް ހަދިޔާ ކުރަން ނިންމީ، އެއީ ރައްޔިތުންގެ ނަމުގައި ބޭއްވޭ މުބާރާތަކަށް ވާތީ ކަމަށެވެ. މީގެ ކުރިން 'ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް'ގެ ނަމުގައި ބޭއްވި (ޕޮމިސް ކަޕް) 'ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް' އަށް ރިބްރޭންޑްކޮށް މިއަހަރު ބޭއްވުމަށް ހަމަޖައްސާފައި ވާކަން ހާމަކޮށްފައި ވަނީ އިއްޔެ އެވެ.

އެފްއޭއެމުން މައުލޫމާތު ދޭ ގޮތުގައި ފައިސާ ހަދިޔާ ކުރަން ހަމަޖެހިފައިވާ ބައެއް ޖަމިއްޔާ ތަކުގެ ތެރޭގައި ކެއާ ސޮސައިޓީ، ކުޑަކުދިންގެ ހިޔާ، އޯޓިޒަމް އެސޯސިއޭޝަން، ޓައިނީ ހާޓްސް، ތެލެސީމިއާ އެސޯސިއޭޝަން އަދި އާކް (އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްރެން) ހިމެނެއެވެ.

އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖައްސާފައިވާ ޕީޕަލްސް ކަޕްގައި މިފަހަރު ވާދަކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ބިދޭސީ ދެ ޓީމާއި މިދިޔަ އަހަރު ރާއްޖޭގެ ލީގުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. އެ މުބާރާތުގައި ވާދަކުރާ ބިދޭސީ ޓީމްތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ ޕީޑީއާރްއެމް އާއި ސިންގަޕޫރުގެ ޒުވާން ކްލަބެއް ކަމަށްވާ ސިންގަޕޯރ ލަޔަންސް ހިމެނެއެވެ. އަދި އެ މުބާރާތުގައި ވާދަކުރާ ރާއްޖެ ދެ ޓީމަކީ މާޒިޔާ އާއި ނިއުރޭޑިއެންޓް އެވެ.

ޕީޕަލްސް ކަޕްގެ ގުރުއަތުލުން ބާއްވާފައި ވަނީ އިއްޔެ ޓީވީއެމްގައެވެ. އެގޮތުން، އެ ގުރުން މުބާރާތުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ވާދަކުރާގޮތަށް ހަމަޖެހިފައި ވަނީ މާޒިޔާ އާއި ސިންގްޕޯރ ލަޔަންސް އެވެ. އަދި މުބާރާތުގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރަން ހަމެޖެހިފައި ވަނީ ޕީޑީއާރްއެމް އާއި ނިއުރޭޑިއެންޓް އެވެ.

އެ މުބާރާތުގައި ވާދަކުރާ ސިންގަޕޯރ ލަޔަންސް މާދަމާ މެންދުރު މާލެ އަންނަން ހަމަޖެހިފައި ވާއިރު، ޕީޑީއާރްއެމް މާލެ އަންނަން ހަމަޖެހިފައި ވަނީ މާދަމާ ރޭ އެވެ.