20 Jan 2015, 13:32
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު މިއަދު މަގާމުން ވަކިކޮށްފި އެވެ.
ސަން އަށް ވަރަށް އިތުބާރު ހިފޭ މަސްދަރަކުން ބުނި ގޮތުގައި ނާޒިމު މަގާމުން ވަކި ކުރެއްވީ މިއަދު ފޯނުންނެވެ. ނާޒިމު މަގާމުން ވަކިކުރިކަން ސަރުކާރުން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު މަގާމުން ވަކި ކުރީ އޭނާ ދިރިއުޅުއްވާ ގަލޮޅު އެނިފަށް ފުލުހުން ރޭގެ ކުރީ ރޭ ރޭޑް ކުރުމަަށް ފަހު، އޭގެ ފަހުންނެވެ.
ނާޒިމު ދިރިއުޅުއްވާ ގެ އަށް ފުލުހުން އެ ރޭ ދަންވަރު 3:15ގައި ވަނުމަށް ފަހު ފުލުހުން ބުނީ، އެ ގެއިން ތަހުގީހަށް ބޭނުންވާ ތަކެތި ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އެއްޗެއް ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ބުނީ އެ ގެއިން ފުލުހުން ފިސްތޯލައެއް ނެރުނު ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ނާޒިމު އަދި މީޑިއާ އަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ސަން އަށް އެެނގިފައިވާ ގޮތުގައި ފުލުހުން އެގެ ބަލައި ފާސް ކުރި އިރު ނާޒިމު ބައިންދާފައި އިނީ ކުޑަކަކޫ ޖައްސުވައިފަ އެވެ.