ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ދަށުން ސެޓްފިކެޓް ލެވެލްގެ ޓީޗަރުންނަށް މުސާރަ ބޮޑު ވެފައިނުވާތީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީގެ އެޑިއުކޭޝަން ކޮމެޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޝަފީއާ ޒުބެއިރު ވިދާޅުވީ، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ދަށުން އެންމެ ދަށް ފެންވަރަަކީ ޑިޕްލޮމާ ފެންވަރު ކަމަށް ކަނޑައަޅާފައި ވަނީ، ރާއްޖޭގައި ސެޓްފިކެޓް ފެންވަރުގެ ގިނަ ޓީޗަރުންތަކެއް ތިބިކަން ދެނެ ހުރެ ކަމަށެވެ.

"މިއަހަރަކު ނޫން ސެޓްފިކެޓް ލެވެލްގެ ޓީޗަރުން ޑިޕްލޮމާ ފެންވަރުގެ ކޯހަކަށް ވައްދަންޖެހޭނީ. ބަދަލު ގެންނަވަން ޖެހޭނީ މިބޭފުޅުންނަށް ފުރުސަތު ދެއްވާފައި. މިދިޔަ އަހަރު އަސްލު މިކަން ކިޔަވައިދޭން ޖެހޭނީ. މިއަހަރު އެބޭފުޅުން ބޭޒާރެއް ނޫންތޯ އެކުރެއްވީ،" ޝަފީއާ ވިދާޅުވި އެވެ.

އެމްޑީޕީން ބުނާ ގޮތުން ރާއްޖޭގައި ކިޔަވައިދެއްވާ ޓީޗަރުންގެ ތެރެއިން 25 ޕަސެންޓް ޓީޗަރުންނަކީ އެޑްވާންސް ސެޓްފިކެޓް ހާސިލްކޮށްގެންތިބި ޓީޗަރުންނެވެ. އެހެންކަމުން މުސާރަ ބޮޑުވެފައި ވަނީ ބިދޭސީ ޓީޗަރުންނަށް ކަމަށް އެ ޕާޓީން ބުނެ އެވެ.

އެގޮތުން އެމްޑީޕީން ވަނީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު އަލުން ދިރާސާކޮށް، ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ނުދެއްވައި ތިބި ސެޓްފިކެޓް ލެވެލްގެ ޓީޗަރުންގެ މުސާރަ އަށް ރަނގަޅު ބަދަލެއް ގެނައުމަށް ގޮވާލާފަ އެވެ.

އެމްޑީޕީ ސަރުކާރު އޮތް އިރު، އެ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ، މުސާރަ ކަނޑައަޅަންވީ ގޮތުގެ ތަފްސީލެއް ސްކޫލްތަކަށް ލިބިފައިނުވާ ކަމަށެވެ. އަދި އެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން އެޑްވާންސް ސެޓްފިކެޓްގެ ޓީޗަރުންނަށާއި ޕްރީ ސްކޫލް ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓީޗަރުންގެ އާ އޮނިގަނޑު އޮތް ގޮތުން ކޮލިފިކޭޝަނަށް އެކަނި ބަލާފައި މުސާރަ ކަނޑައަޅާފައި، ކުރީއްސުރެއް އެޑްވާންސް ސެޓްފިކެޓް ހާސިލްކޮށްފައިވާ ޓީޗަރުންނަށް ލިބެމުންދާ އިނާޔަތްތަކުން ބޮޑުވަމުން ދިޔަ ބައިތަކަށް ކުރިއެރުން ނުލިބޭ ނަމަ ގެޔަށްގެންދާ މުސާރަ ދަށްވުމަކީ އެކަށީގެންވާ ކަމެއް،" ޝިފާ ވިދާޅުވި އެވެ.

ސްކޫލްގެ އާބާދީއަށް ބެލުމަށް ފަހު ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުންގެ ކަނޑައެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަމުން ދާތީ އެކަމަށް އިޝާރާތްކުރައްވައި ޝިފާ ވިދާޅުވީ، އެ ބޭފުޅުން މިހާރު ބާކީ ވަމުންދާ ކަމަށެވެ. އަދި އެ ބޭފުޅުން ދަށް މަގާމުތަކަށް ބަދަލުވުމަށް އަންގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.