20 Jan 2015, 13:06
ރާއްޖޭގެ 23 ރަށެއްގައި ގާއިމްކުރެވިފައިވާ ޒުވާނުންގެ މަރުކަޒުތައް ހެޔޮ އަގެއްގައި މުވާސަލާތީ ވަސީލަތްތަކުން ގުޅާލުމުގެ ގޮތުން، އެ ޒުވާނުންގެ މަރުކަޒުތަކުގައި އުރީދޫ އެމްވީޕީއެން އަންލިމިޓަޑް ޚިދުމަތް ތައާރަފްކޮށްފި އެވެ.
އެ ރަށްރަށުގައި އުރީދޫ އެމްވީޕީއެން ޚިދުމަތް ތައާރަފް ކުރުމަށް ބޭނުންވާ ތަކެތި ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްދެއްވީ، މިއަދު މާލޭގެ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އެ ހަފްލާގައި ޔޫތު މިނިސްޓަރުގެ އިތުރުން ޔޫތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އަދި އުރީދޫގެ އިސް ބޭފުޅުންގެ އިތުރުން ރަށްތަކުގެ ކައުންސިލްތަކުން ބައިވެރިވި އެވެ.
އެ ހަފްލާގައި އުރީދޫ އެމްވީޕީއެން އަންލިމިޓަޑް ޚިދުމަތް ތައާރަފް ކުރަން ބޭނުންވާ ތަކެތި ހަވާލުކުރި ޔޫތު ސެންޓަރުތަކުގެ ތެރޭގައި ހއ. ދިއްދޫ، ހއ. މާރަންދޫ، ހދ. ހަނިމާދޫ، ރ. އުނގޫފާރު، ބ. އޭދަފޫށި، ޅ. ހިންނަވަރު، ޅ. ކުރެންދޫ، އދ. ދަނގެތި، ދ. ކުޑަހުވަދޫ، މ. މުލި، ލ. ގަން، ގދ. މަޑަވެލި، ޏ. ފުއައްމުލައް، ސ. ގަން، ސ. މަރަދޫފޭދޫ، ތ. ތިމަރަފުށި، ށ. ފުނަދޫ، ނ. ހޮޅުދޫ، ފ. ނިލަންދޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ގާއިމް ކުރެވިފައިވާ ޔޫތު ސެންޓަރުތައް ހިމެނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތު މިނިސްޓަރު މަލީހު ވިދާޅުވީ އުރީދޫ އެމްވީޕީއެން ޚިދުމަތް ރަށްތަކުގެ ޒުވާނުންގެ މަރުކަޒުތަކަށް ތައާރަފް ވެގެން ދިޔުމަކީ އެތަންތަނުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް އެޅިގެންދާ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި އެކަން ކުރުމުގެ އަމާޒަކީ ޒުވާނުންގެ މަރުކަޒުތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުން ކަމަށާއި ތާއާރަފް ވެގެން މިދިޔަ ވަސީލަތްތަކާ އެކު ކުޑަ ހަރަދަކުން ރާއްޖޭގެ ގިނަ ޒުވާނުންގެ މަރުކަޒުތަކެއް ގުޅާލެވިގެން ދާނެ ކަމަށް ޔޫތު މިނސްޓަރު ވިދާޅުވި އެވެ.
"ޒުވާނުންގެ މަރުކަޒުތައް މިހާރަށް ވުރެ ހެޔޮ ގޮތުގައި ބޭނުން ހިފިގެން ދިޔުމަކީ އެއީ އަޅުގަނޑުމެންގެ އަމާޒެއް. ޒުވާނުންގެ މަރުކަޒުތަކަކީ ހަމައެކަނި ޔޫތު މިނިސްޓްރީގެ އެކިއެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހުރި ތަންތަނެއް ނޫން. މީގެ ކުރިން ޔޫތު ސެންތާރުތަކުގެ ފޯން ބިލްތަކަށާއި ނެޓުގެ ޚިދުމަތަށް ޔޫތު މިނިސްޓްރީން ވަނީ ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހިފަ. ނަމަވެސް މި ތައާރަފް ވެގެން ދިޔަ ވަސީލަތްތަކާ އެކު ވަރަށް ހެޔޮ އަގެއްގައި ފޯނުގެ ޚިދުމަތާއި ނެޓުގެ ޚިދުމަތް ޔޫތު ސެންޓަރުތަކަށް ލިބިގެން ދާނެ،" ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މިހާރު އަތޮޅުތަކުގައި ގާއިމް ކުރެވިގެންދާ ފުޓްސެލް ދަނޑުތައް ބަލަހައްޓައި އެތަންތަނުގެ ރިސާވޭޝަން ހެދުމަށް ހަވާލުކުރެވޭނީ ޔޫތު ސެންޓަރުތަކާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ. އޭގެ އިތުރުން ޔޫތު މިނިސްޓަރު ވަނީ ރަށްރަށުގައި ގާއިމް ކޮށްފައިވާ ބަށި ކޯޓާއި ވޮލީ ކޯޓުތައް ފަދަ ކުޅިވަރު ކުޅޭ ތަންތަނަށް ދިމާވެފައިވާ ދަތިތައް ވީހާ ވެސް އަވަހަކަށް ޔޫތު މިނިސްޓްރީއާ ހިއްސާ ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެތަންތަނަށް ދިމާވެފައިވާ ދަތިތައް މިނިސްޓްރީއާ ހިއްސާކުރުމުން އެކަންކަން ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށެވެ.