20 Jan 2015, 12:40
ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭ ހަތަރު ދިވެއްސަކު މެލޭޝިއާ އިން ހައްޔަރުކޮށް ރާއްޖެ ގެނެސްފި އެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި ފުލުހުން މިއޮޕަރޭޝަން ހިންގީ މެލޭޝިއާ ފުލުހުންނާ ގުޅިގެން ނެވެ. އަދި މި މީހުން އަތުލައިގަނެފައި ވަނީ މެލޭޝިއާގައި ތިއްބަ އެވެ. ރާއްޖެ ގެނެސްފައި ވަނީ ދެ ފިރިހެނުންނާއި ދެ އަންހެނުން ނެވެ.
މެލޭޝިޔާގެ ކުއާލަންޕޫރުން އެ މީހުން ރާއްޖެ ގެނެސްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ކަމަށް ތުހުމަތު ކުރެވިގެން ރާއްޖެ ގެނެސްފައިވާ ދެ ފިރިހެނުންނަކީ ސ.މީދޫ މުތީގެ މުހައްމަދު ޒައިދު28، އާއި ށ.ފޭދޫ ޝާޒުނީ، ޝައްފާފް މުހައްމަދު،27، އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަކީ މާލޭގެ ގޭންގު ގުރޫޕަކަށް ނިސްބަތްވާ ދެ މީހުންނެވެ. އަދި ހައްޔަރުކުރި ދެ އަންހެން މީހުންނަކީ މާލެއަށް ނިސްބަތްވާ އެއްބަނޑު އެއްބަފާ ދެބެއިންނެވެ.
ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭ ހަތަރު ދިވެއްސަކު މެލޭޝިއާގައި ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވާ އިރު ރާއްޖެ އިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް 50 އަށް ވުރެ ގިނަ ދިވެހީން ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ވިދާޅުވެފައި އެވެ.
ކޮމިޝަނަރު ވިދާޅުވީ ހަނގުރާމަކުރުމަށް ރާއްޖެ އިން ބޭރަށްދާ އެފަދަ މީހުންގެ މައުލޫމާތު ހޯދުމަށް ކަމާ ގުޅޭ ފަރާތްތަކާ އިންޓެލިޖެންސް ގުޅިގެން ފުލުހުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.