މާލޭގެ ހުޅަގު ދެކުނު ހާބަރު ކަޑަތައް ކައިރި ހުސްބިމުގައި ޕާކުކޮށްފައި ހުރި ކޮންސްޓްރަކްޝަން މަސައްކަތް ކުރަން ބޭނުންކުރާ ވެހިކަލްތައް ނެގުމަށް އޭގެވެރިފަރާތްތަކަށް ހައުސިންގް މިނިސްޓްރީން އަންގައިފިއެވެ.

މާލޭގެ މަގުތަކުގެ ކުނީގެ މައްސަލަ ހައްލުކުރުމާއި، މަގުތަކުގެ ހާލަތު ރަނގަޅުކުރުމާ ބެހޭގޮތުން ސަންޓީވީގެ "50 މިނިޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން، ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، މާލޭގެ ހުޅަގު ދެކުނު ހާބަރުގައި ސައިބޯން އާންމުކޮށް މީހުންދާ ކަނޑަތަކާ ދިދާލު ހުސްބިމުގައި ޕާކުކޮށްފައި ހުރި، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ވެހިކަލްތައް ނަގަން އަންގާފައި ވާނެ ކަމަށެވެ. އަދި އެސަރަހައްދުގައި ޕާކުކޮށްފައި ހުންނަ ދެ ވެހިކަލުގެ ދެމެދަށް ކުނިއަޅާ މައްސަލަ އަކީވެސް އާންމު މައްސަލަ އެއް ކަމަށް މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.

" އަޅުގަނޑުމެން އިއުލާނުކޮށްފިން، އެތަނަކީ ޚާއްސަ އެހެން ބޭނުމަކު އޮތްތަނެކޭ، ޕާކުކުރަން އޮތްތަނެއް ނޫނޭ، އެތާ ހުރި އެއްޗިހި އޭގެ ވެރިފަރާތުން ނަންގަވައި ދެއްވާށޭ، ނޫނިއްޔާ އަޅުގަނޑުމެން އެއެއްޗިހިތައް ނަގަން ޖެހޭނި، ނަގައިގެން ނޫނި އެތަން ރީއްޗެއްވެސް ނުކުރެވޭނެ،" މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލެ ސާފުތަނަކަށް ހެދުމަށް ހަމަ އެކަނި ހައުސިން މިނިސްޓްރީން މަސައްކަތް ކުރިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، ކޮންމެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ. އަދި މަގުމަތީގައި ބާވެ ހަލާކުވާން ކައިރިވެފައި ހުންނަ ސާމާނު، އެބޭފުޅަކު އަމިއްލަޔަށް ނަގައި ރައްކާތެރި ގޮތުގައި ނައްތާލުމަށް މުހައްމަދު ވަނީ އެދިލައްވާފަ އެވެ.

"ހުރިހާ ފަރާތަކުން އެއްބާރުލުން ލައިގެން ނޫނިއްޔާ، މާލެ ސާފެއް ނުކުރެވޭނެ، އަދި ކުނިކެހުމަކުން ހައްލެއް ނޫން އެއީ، މިހެން ހުއްނަ ބާ ސާމާނާއި، ބޭނުން ނުކުރާ ފަރުނީޗަރާއި، ޓިނި ލަކުޑިއަށް ދަންދެން މަގުމަތީގައި ބަހައްޓުމަކީ ގަބޫލުކުރެވޭނެ ކަންތަށް ތަކެއް ނޫން" މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.