20 Jan 2015, 11:54
ޑިފެންސް މިނިސްޓަރު ކާނަލަ ރިޓަޔަޑު މުހައްމަދު ނާޒިމްގެ އެޕާޓްމަންޓް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ފާސްކޮށް ފުލުހުން ގެންދިޔައީ ފިސްތޯލެއް ކަން "ސަން" އެނގިއްޖެ އެވެ.
ވަރަށް އިތުބާރު ހުރި ފަރާތަކުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި މިނިސްޓަރު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލް އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
މިނިސްޓަރު ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. އަދި އެ ކަމާ ގުޅޭ ގޮތުން މިނިސްޓަރު ނާޒިމް ވިދާޅުވީ "ތިޔަ މައްސަލާގައި އެއްޗެއް ވިދާޅުވާނީ ފުލުހުން،" ކަމަށެވެ.
މިނިސްޓަރު ނާޒިމްގެ ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެ އެމަނިކުފާނު ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކޮށްފަ އެވެ. ފުލުހުން ނާޒިމްގެ އެޕާޓްމަންޓަށް ވަނީ ހޮނިހިރު ދުވަހުގެ ރޭ 3:15 އެހާކަންހާއިރު އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ އެޕާޓްމަންޓު ބަލައި ފާސްކުރުމަށް ފަހު ފުލުހުން އެތަނުން ގޮސްފައި ވަނީ 6:00 އެހައިކަންހާއިރު އެވެ. އަދި އެ އެޕާޓްމަންޓުން ބައެއް ލިޔެކިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.
ފުލުހުން ބުނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ދިރިއުޅުއްވާ ގެއަށް ވަދެ ބަލައި އެ ގެ ފާސްކުރި އިރު އެއީ ނާޒިމު އުޅުއްވާ ގެ ކަމެއް ފުލުހުންނަށް ނޭނގޭ ކަމަށެވެ. އަދި އެއީ ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެކަން ފުލުހުންނަށް އެނގުނު ހިސާބުން ފެށިގެން އެ ގެ ބަލައި ފާސްކުރަމުން ދިޔައީ މިނިސްޓަރު ނާޒިމަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމާ އެކު ކަމަށް ވެސް ފުލުހުން ބުންޏެވެ.