ދޮން ދަރި މަރާލިކަން ސާބިތުވެގެން ސައުދީ އެރެބިޔާގައި މީހެއްގެ ބޯ ބުރިކޮށްލާ މަންޒަރު ވީޑިއޯ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

އެ ވީޑިއޯ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ މަސައްކަތަކުގައި ހަރަކާތްތެރިވި ފުލުހެއް ކަމަށް، ލޯކަލް މީޑިއާއާ ހަވާލާދީ ރަޝާ ޓްޑޭ އިން ރޭ ބުންޏެވެ.

ކަރު ބުރިކޮށްލާ މަންޒަރު ވީޑިއޯ ކުރި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފުލުސް އޮފިސަރަކެވެ. ހުކުމް ތަންފީޒު ކުރުމުގެ ގޮތުން މައްކާގައި އެ މީހާގެ ކަރު ބުރިކޮށްލި މަންޒަރު ވީޑިއޯ ކުރީ އެ ފުލުސް މީހާގެ މޯބައިލް ފޯނުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އޭނާ އަކީ އެެ މަސައްކަތުގައި ހަރަކާތްތެރިވީ މީހެއް ކަމަށް ވެސް ސައުދީ ނޫސްތަކުން ބުނެ އެވެ.

ފުލުހުން އަދި އޭނާގެ ނަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭނާ އަށް މިލިޓަރީގަޔާއިި ޝަރީއާ ކޯޓާ ކުރިމަތިލާން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކަރު ބުރިކޮށްލީ މިޔަންމާ އަށް އުފަން، ލައިލާ ބިން އަބްދުލްމުއްތަލިބު ބާސިމުގެ އެވެ. އޭނާ ވަނީ އޭނާގެ ހަތް އަހަރުގެ ދޮން ދަރި އަށް އަނިޔާކޮށް، މަރާލައިފަ އެވެ. ސައުދީ ރޯޔަލް ފަރާތްތަކުން ތަސްދީގު ކުރި، ހުކުމުގެ ދަށުން އޭނާގެ ކަރު ބުރިކޮށްލައި މަރާލީ މިދިޔަ ހޯމަ ދުވަހު އެވެ.

މައްކާގެ މަގެއްގެ މަތީގައި ލައިލާގެ ކަރުބުރިކޮށްލި މަންޒަރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ސައުދީ އެރެބިޔާގެ ހިޔުމަން ރައިޓްސް އޮގަނައިޒޭޝަނުން ބުނީ އެ މަންޒަރު ވީޑިއޯ ކުރި މީހާ އަށް އަދަބު ދޭން ޖެހޭނެ ކަމަށެވެ.

ސައުދީއަރިބިޔާއަކީ ދުނިޔޭގައި އެންމެ ގިނަ އިން މަރުގެ އަދަބު ދޭ ގައުމެވެ. އޭޕީ އިން ބުނީ މިދިޔަ އަހަރު ވެސް އެ ގައުމުގައި 80 މީހުންނަށް މަރުގެ އަދަބު ދިން ކަމަށެވެ.

ސައުދީގައި މަރުގެ އަދަބު ދޭ ކުށްތަކުގެ ތެރޭގައި މީހުން މެރުމާއި ރޭޕް ކުރުމާއި ވަގަށް ހަތިޔާރު ގެންގުޅުމާއި ޑްރަގް ޓެރެފިކިން ފަދަ ކަންކަން ހިމެނެ އެވެ.