ހަކަތަ އިސްރާފުކުރުން ކުޑަކުރުމާއި ހަކަތަ ބޭނުންކުރެވޭ ގޮތް އޮޑިޓްކުރުމުގެ މަސައްކަތަށް ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުމެއް އެންވަޔަރްމެންޓް މިނިސްޓްރީން ފަށައިފި އެވެ.

ޖަރުމަނުސަރުކާރުގެ ހިލޭ އެހީގައި "ސަޕޯޓް ފޯ ދަ ކްލައިމެޓް ނިއުޓްރަލިޓީ ސްޓްރެޓެޖީ އޮފް ދަ މޯލްޑިވްސް" ނަމުގައި ސަރުކާރުން ހިންގާ މަޝްރޫއުގައި ހިމެނޭ އެ ބައްދަލުވުން މިއަދު ހެނދުނު ފެށީ ޖަރުމަނުގެ މާހިރުންގެ އެހީގަ އެވެ.

ޝީބިލްޑިންގައި މިއަދު ފެށި އެ ބައްދަލުވުމުގެ ބޭނުމަކީ ފައިދާ ހުރި ގޮތުގައި ހަކަތަ ބޭނުންކުރެވޭނެ ގޮތްތައް ހޯދުމާއި ހަކަތަ އިސްރާފުވާ މިންވަރު މަދުކުރުމަށް ކުރެވޭނެ ކަންތައްތައް ދަސްކޮށްދިނުން ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ތިން ދުވަހަށް ކުރިއަށް ގެންދާ އެ ބައްދަލުވުމުގެ ފުރަތަމަ ދެދުވަހު އޮންނާނީ އެކަންކަމާ ބެހޭ ތިއަރީ ސެޝަންތަކެވެ. އަދި ތިން ވަނަ ދުވަހު ރިސޯޓަކަށް ޒިޔާރަތްކޮށް އެތަނުގައި ކަރަންޓް ބޭނުންކުރެވޭ ގޮތްތައް ބަލައި ހަކަތަ އޯޑިޓްކުރުމުގެ އަމަލީ ބައެއް މަސައްކަތްތައް ބައިވެރިން ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ރާއްޖޭގައި ވަރަށް ކާމިޔާބުކަމާ އެކު ހިންގެމުން އަންނަ ކަމަށާއި ހަކަތަ އިގުތިސާދު ކުރުމުގެ މަސައްކަތްތައް ވެސް އެގޮތުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އިއާދަކުރަނި ހަކަތައިގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް އެބަހުރި ކަމަށެވެ.

"... އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ވަރަށް ބޮޑެތި މަޝްރޫއުތައް އެބަހުރި ، އިއާދަކުރަނި ހަކަތައިގެ ދާއިރާއިން ކުރިއަށް ގެންދާނެ މަޝްރޫއުތައް. މިގޮތަށް އަޅުގަނޑުމެން މި އިއާދަކުރަނިވި ހަކަތައިގެ މަސައްކަތް ކުރިއަށް ގެންދާއިރު ހަމަ އެއާ އެއްކޮށް ކަރަންޓް އިގުތިސާދުކުރުން ނޫނީ އިސްރާފުކުރުން މަދުކުރެވޭނެ އިތުރު ގޮތްތަކެއް ނުހޯދައިފިއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިގެންދާ މަޝްރޫއުތަކުގެ އެންމެ ރަނގަޅު ނަތީޖާ އަޅުގަނޑުމެންނަށް ނުފެނި ގޮސްދާނެ،" އޭނާ ވިދާޅުވި އެވެ.