08 Feb 2011, 09:26
ތޫނިސް : މަޤާމުން ދުރުކުރެވިފައިވާ ތޫނިސްގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީގެ ޕާޓީ ކަމަށްވާ ތަޖައްމުޢުއްދަސްތޫރީ ޕާޓީ އަކީ ޣައިރުޤާނޫނީ ޕާޓީއެއް ކަމަށް ނިންމުމަށްޓަކައި މިޕާޓީގެ ޙަރަކާތްތައް ހުއްޓާލުމަށް ތޫނިސްގެ ވަގުތީ ސަރުކާރުން އަމުރެއް ނެރެފިއެވެ.
ތޫނިސްގެ ދާޚިލީ ވުޒާރާއާ ޙަވާލާދީ ރޮއިޓާސް ބުނިގޮތުގައި ތަޖައްމުޢު ޕާޓީގެ އެއްވުންތައް މަނާކޮށް ޕާޓީގެ އޮފީސްތައް ބަންދުކޮށް ޙަރަކާތްތައް މަނާކުރުމަށް ދާޚިލީ ވަޒީރު ވަނީ އަމުރެއް ނެރުއްވާފައެވެ. މިޤަރާރުގެ ބޭނުމަކީ މިޕާޓީއަކީ ޣައިރު ޤާނޫނީ ޕާޓީއަކަށް ހަދައި ޤާނޫނީގޮތުން ޕާޓީ އުވާލުމަށް މަގުފަހިކުރުމެވެ.
ތޫނިސްގެ ދާޚިލީ ވަޒީރު މިގޮތަށް ނިންމެވީ ޤައުމުގެ ރައްޔިތުންގެ މަސްލަޙަތާއި ޤައުމުގެ އަމްނު ޢާންމަށް ބެއްލެވުމަށްފަހު މިކަން މިގޮތަށް ކުރުމަށް ފެނިވަޑައިގަންނަވާތީ ކަމަށް ވެސް ތޫނިސްގެ ސަރުކާރުގެ ދާއިރާތަކާ ޙަވާލާދީ ރޮއިޓާސް ބުނެއެވެ. ތޫނިސްގެ ރައްޔިތުންވަނީ ބިންޢަލީގެ ވެރިކަމާ ދެކޮޅަށް އުތުރިއަރައި އޭނާގެ އަނިޔާވެރި ވެރިކަން މިދިޔަ ޖަނަވަރީމަހު ވައްޓާލާފައެވެ. އަދި ރައްޔިތުންވަނީ ބިންޢަލީގެ ޕާޓީގެ އޮފީސްތަކުގައި ހުޅުޖަހައި އެޕާޓީގެ ތަކެއްޗަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. (ރޮއިޓާސް)