ބައެއް ފަރާތްތަކުން މިއަހަރަށް ތައްޔާރުކޮށް ނެރެފައިވާ، އަދި ދިވެހިން އާންމުކޮށް ބޭނުން ކުރަމުންދާ ކަލަންޑަރުތަކުގައި މައްސަލަތައް ހުރިކަން ފާހަގަކުރެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރަމުންދާ ބައެއް ކަލަންޑަރުތަކުގައި އޮޅުން އަރާފަދަ ގޮތަކަށް މީލާދީ ތާރީހާއި ގުޅޭ ހިޖްރީ ތާރީހު ހިމަނާފައިވެ އެވެ. އަދި ރަސްމީ ބަންދު ނޫން ދުވަސްތައް ރަސްމީ ބަންދުކަމަށް އެފަދަ ކަލަންޑަރުތަކުގައި ފާހަގަކޮށްފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ނެރެފައިވާ ބައެއް ކަލަންޑަރުތަކުގައި މިމަހުގެ 22 ވަނަ ދުވަހަކީ ރާއްޖެ އިސްލާމްވި ދުވަސްކަމަށް ފާހަގަކޮށް އެދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށްވެސް ފާހަގަކޮށްފައިވާ ކަމަށާއި ނަމަވެސް ރަނގަޅު ގޮތަކީ 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ދޭއް ރަބީއުލްއާހިރު 1436 އަކީ، ޖެނުއަރީ 23 (އަންނަ ހުކުރު ދުވަސް) ކަމަށް މިނިސްޓްރީން ބުންޏެވެ. އެދުވަހަކީ ރާއްޖެ އިސްލާމްވި ދުވަހެވެ.

ސައްހަނޫން މިފަދަ މައުލޫމާތު ހިމަނައިގެން ތައްޔާރުކޮށް އާންމުކޮށްފައިވާ 2015 ވަނައަހަރުގެ ކަލަންޑަރުތަކަށް އަމަލު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިސްތިމާސްކޮށްފައެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މީލާދީ ތާރީހާއި ހިޖްރީ ތާރީހުގެ އިތުރުން ނަކަތްތަކާއި ބަންދު ދުވަސްތައް އެނގޭގޮތަށް ރާއްޖޭގެ ރަސްމީ ކަލަންޑަރު ނެރުމަށް ބޭނުންވާ މަޢުލޫމާތު ކޮންމެ އަހަރަކު، އާންމުކުރުމަކީ އެ މިނިސްޓްރީގެ މަސްއޫލިއްޔަތަކަށްވާއިރު އެ މައުލޫމާތު އެ މިނިސްޓްރީގެ ވެބް ސައިޓުގައި ޝާއިއުކުރެވިފައިވާނެ އެވެ. އަދި އެ މިނިސްޓްރީން މިހާރު ވަނީ ރާއްޖޭގެ ރަސްމީ ކަލަންޑަރު ޗާޕުކޮށް ނެރެފައިކަމަށްވެސް ބުންޏެވެ.