ފުލުހުންގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އިން ދިވެހި ފުލުހުންނަށް ހަދިޔާ ކުރި 150 މޮޓޯ ސައިކަލް ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ޗައިނާ އެމްބަސީގައި މިއަދު ބޭއްވި ހަފްލާގައި ޗައިނާ ސަރުކާރުގެ ފަރާތުން ސައިކަލުތައް ހަވާލުކޮށްދެއްވާފައި ވަނީ ރާއްޖޭގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރު ވަންގް ފުކަންގް އެވެ. އަދި ފުލުހުންގެ ފަރާތުން އެ ސައިކަލްތަކާ ހަވާލުވެފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދެވެ.

މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ދުއްވުމަށް ހަމަޖެހިފައިވާ އެ ސައިކަލުތަކަކީ ޗައިނާ ފައިސާގެ ދެ މިލިއަން ޔޫއާން އަށް އަގުކުރެވޭ 150 ސައިކަލެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އިން ދިވެހި ފުލުހުންނަށް ހަދިޔާ ކުރި މޮޓޯ ސައިކަލް ---
މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުށް ކުރުން ރާއްޖޭގައި އިތުރުވެފައިވާ އިރު ފުލުހުން ދޭން ޖެހޭ ހިދުމަތްތައް ރަނގަޅު ކުރަން ޖެހޭ ކަމަށާއި އެކަންތައް ކުރުމަށް ފުރިހަމަ ވަސީލަތްތައް ބޭނުންވާނެ ކަމަށެވެ.

"ރާއްޖޭގައި ކުށް ކުރުމުގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ އިރު ކަންކަމުގައި ފުލުހުންގެ ޑިމާންޑު އަންނަނީ ބޮޑުވަމުން. އެހެން ކަމުން ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ހުރިހާ ރަށަކަށް ބޭނުންވާ ވަރަށް ވަސީލަތްތައް ނެތުން. އެހެން ކަމުން ވަސީލަތްތަކަކީ ބޭނުންވާ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

ހުސައިން ވަހީދު ވިދާޅުވީ ޗައިނާ އިން މިއަދު ހަވާލު ކުރި ސައިކަލުތަކާ އެކު ފުލުހުންގެ ހިދުމަތް ދިނުމަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

ޗައިނާ އިން އަންނަނީ ރާއްޖޭގެ ވަރަށް ގިނަ މަޝްރޫއުތަކަށް އެހީވަމުންނެވެ. އެ ގޮތުން ހުޅުމާލެ އަދި ދެކުނާ އެކު 1500 ޔުނިޓުގެ ހައުސިން މަޝްރޫއަކާއި ލ. އަތޮޅުގައި ގާއިމު ކުރާ ލިންކް ރޯޑް މަޝްރޫއަކީ މިހާރު ވެސް ކުރިއަށްދާ މަޝްރޫއުތަކެވެ.