ކެންސަރު ބައްޔަށްދޭ ކީމޯތެރަޕީގެ ފަރުވާ އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީ މަރުކަޒުން ދޭން ފަށައިފި އެވެ. މިއީ މާލޭ ފިޔަވައި ރާއްޖޭގެ އަތޮޅު ތެރޭގެ ސިއްހީ މަރުކަޒަކުން އެ ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު އާމިނަތު މުހައްމަދު ދީދީ މިއަދު 'ސަން' އަށް ވިދާޅުވީ، ކީމޯތެރަޕީގެ ހިދުމަތް އެ ސެންޓަރުން ދޭން ފަށާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އަދި ކީމޯތެރަޕީގެ ހިދުމަތް އެއް ޕޭސަންޓަކަށް އިއްޔެ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކީމޯތެރަޕީގެ ހިދުމަތްދޭން ފަށާފައި ވަނީ އިންޑިއާ އިން ބޭސްކުރުމަށް ފަހު ކީމޯތެރަޕީ އަށް ބޭނުންވާ ބޭސް ހިފައިގެން އައި ޕޭސަންޓަކަށް. އެބޭފުޅާއަށް މިކޮޅުން ހަފްތާ އަކު އެއްފަހަރު އެ ހިދުމަތް ދޭނެ. އެ ހިދުމަތް ދޭން ފަށާފައި ވަނީ އައިވީއަށް އިންޖެކްޓް ކޮށްގެން،" ހުޅުމީދޫ ސިއްހީ މަރުކަޒުގެ ސީނިއަ ކޮމިއުނިޓީ ހެލްތް އޮފިސަރު އާމިނަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކީމޯތެރަޕީގެ ފަރުވާ ދިން ޕޭސަންޓަށް ވެސް އެ ފަރުވާ ދީފައި ވަނީ ހަދަން ޖެހޭ ހުރިހާ ޓެސްޓްތަކެއް ވެސް ހެދުމަށް ފަހު ކަމަށެވެ. އަދި ހިދުމަތް ދިނުމަށް އެ ތަނުގައި ބޭސް ނެތް ނަމަވެސް، ރާއްޖެ އިން ބޭރުން ޑޮކްޓަރަށް ދެއްކުމަށް ފަހު ޑޮކްޓަރުގެ ލިޔެކިޔުންތަކާއި ބޭސް ހިފައިގެން އައުމުން އެ ހިދުމަތް ދޭނެ ކަމަށް އާމިނަތު މުހައްމަދު ދީދީ ވިދާޅުވި އެވެ.