20 Jan 2015, 10:06
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް މާޒިޔާއަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ތެރޭގައި އެ ޓީމަށް ސޮއިކުރި ސްޕެއިންގެ ފޯވާޑް ޕަބްލޯ ރޮޑްރިގޭޒް އެ ޓީމާ ގުޅިއްޖެ އެވެ.
މާޒިޔާގެ ހަތަރު ވަނަ ބިދޭސީ ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމާ ރޮޑްރިގޭޒް ގުޅިފައި ވަނީ އިއްޔެ އެވެ. މާޒިޔާއިން މައުލޫމާތު ދިން ގޮތުގައި އޭނާ ވަނީ އިއްޔެ ބޭވި އެ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރި ވެފައެވެ.
މިމަހުގެ 17 ވީ ހޮނިހިރު ދުވަހު މާޒިޔާގެ ތިން ބިދޭސީ ކުޅުންތެރިން އެ ޓީމާ ގުޅިފައި ވާއިރު، ޕަބްލޯ އަކީ އެ ޓީމާ ގުޅޭ އެންމެ ފަހު ބިދޭސީ ކުޅުންތެރިޔާ އެވެ. ޕަބްލޯގެ އިތުރުން ދެން އެ ޓީމާ ގުޅިފައިވާ ބިދޭސީ ކުޅުންތެރިންނަކީ މިދިޔަ ސީޒަންގައިވެސް އެ ޓީމަށް ކުޅުނު ބަލްގޭރިއާގެ ޑިފެންޑަރު ޒިވްކޯވް ޑިނޭވް އާއި ބްރެޒިލްގެ މިޑްފީލްޑަރު ސިލަސް ޖޫނިއާ އަދި ޖަޕާންގެ ޓޮޝިޔާ ހޮސޯ އެވެ.
ބިދޭސީ ކުޅުންތެރިންގެ އިތުރުން މި ފެށޭ ސީޒަނަށް މާޒިޔާއިން ވަނީ މިދިޔަ ސީޒަންގައި މަހިބަދޫ ސްޕޯޓްސް ކްލަބަށް ކުޅެމުން އައި މިޑްފީލްޑަރު ހުސައިން ނިޔާޒް މުހައްމަދު އާއި އަހްމަދު އިމާޒް (އާއްކޮ) އަދި ޒުވާން ޑިފެންޑަރު އިބްރާހިމް ހަސީބުވެސް މި ސީޒަނަށް އެ ޓީމަށް ގެނެސްފައެވެ.
ވާދަވެރި ސީޒަނަކަށް މާޒިޔާ ކުރިމަތި ލާއިރު، އެ ޓީމް މިފަހަރު ވާދަކުރަން ހަމަޖެހިފައިވާ އެންމެ ފުރަތަމަ މުބާރާތަކީ ޕޮމިސް ކަޕެވެ. އަންނަ ބުރާސްފަތި ދުވަހު ފަށާ ޕޮމިސް ކަޕްގެ ފުރަތަމަ މެޗުގައި ސިންގަޕޯރ ލަޔަންސް އާ ދެކޮޅަށް އެ ޓީމް ވަނީ ވާދަކުރާ ގޮތަށް ހަމަޖެހިފައެވެ.
ޕޮމިސް ކަޕްގައި ވާދަވެރި މެޗުތަކަކާ މާޒިޔާ ކުރިމަތި ލާއިރު، އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ބިދޭސީ ފޯވާޑް އަބޫ ޑެސްމަންޑް މަންސާރޭ އާއި ތަޖުރިބާކަރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ މި ސީޒަންގައި އެ ޓީމް ދޫކޮށްލާފައެވެ. ނަމަވެސް މާޒިޔާއިން ބުނެފައި ވަނީ އެ ކުޅުންތެރިންނާ ނުލައިވެސް މި ސީޒަންގައި ރަނގަޅު ކާމިޔާބީތަކެއް ހޯދިދާނެ ކަމަށާއި، އެ ޓީމް ކުޅޭ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ ޕޮމިސް ކަޕްގައި އެ ޓީމްގެ އަމާޒަކީ ތަށި ހޯދުން ކަމަށް ބުނެފައެވެ.
ވާދަވެރި ސީޒަނަކަށް މާޒިޔާ ކުރިމަތިލާއިރު، އެ ޓީމަށް މިފަހަރު އިރުޝާދު ދޭން ހަމަޖައްސާފައިވާ ކޯޗަކީ މިދިޔަ ސީޒަންގައި އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދިނުމުގެ އިތުރުން، ވިކްޓްރީގައި ގިނަ ކާމިޔާބު ތަކެއް ހޯދި ތަޖުރިބާކާރު ކޯޗް އަލީ ސުޒެއިން އެވެ.