މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އިބްރާހިމް ފަޒުލް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ފަޒުލް ހަމަޖެއްސުމަށް ޕްރައިވަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފަޒުލްގެ ނަން ފޮނުވުމުން އެބޯޑުން އޭނާ އެމަގާމަށް ހަމަޖެއްސުމަށް އިއްޔެ ފާސްކޮށްފައިވާ ކަމަށެވެ.

ފަޒުލް އަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެކެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވުމަށް ފަޒުލްގެ ނަން ރައީސް ހުށަހަޅުއްވާފައިވާ އިރު، އޭނާ އަކީ ކުރިން ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސް (ޕީއޭ)ގައި ވެސް އުޅުއްވި ބޭފުޅެކެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމު ހުސްވެފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި އަހުމަދު އުމަރު މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވަކިކުރުމުންނެވެ. އޭނާ މަގާމަށް އައްޔަންކުރެއްވީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެކަމަކު އެއީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގެ ގޮތުގަ އެވެ.