ރިޔާޒް (ޖަނަވަރީ 20) : މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ، ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒް އަށް ވަޑައިގެން، ބަލިއެނދުގައި އޮންނެވި އެގައުމުގެ ރަސްގެފާނު އަބްދުﷲގެ އަރިހަށް ޒިޔާރަތް ކުރައްވައިފި އެވެ.

ސީސީ ޔުނައިޓެޑް އަރަބް އިމަރޭޓްސް އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރިޔާޒް އަށް ވަޑައިގަތުމުން އޭނާ އަށް މަރްޙަބާ ދެންނެވީ ސައޫދީ ވަލިއުލްއަހްދުގެ ނައިބު މުގްރިން ބިން އަބްދުލްއަޒީޒް އެވެ. ސައޫދީ ނޫސްއެޖެންސީ ޚަބަރުދޭގޮތުގައި ސީސީ ރިޔާޒް އަށް ވަޑައިގެންނެވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ބަލިއެނދުގައި އޮންނެވި އެގައުމުގެ ރަސްގެފާނު އަބްދުﷲގެ ޙާލުކޮޅު ބައްލަވާލެއްވުމަށެވެ. އަބްދުﷲގެ އަރިހަށް ސީސީ ވަޑައިގެން އަބްދުﷲ އަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ސީސީ ދުޢާ ކުރެއްވި ކަމަށް ވެސް ސައޫދީ ނޫސްއެޖެންސީ ބުނެ އެވެ.

އަބްދުﷲ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ކިންގް އަބްދުލްއަޒީޒް މެޑިކަލް ސިޓީގެ ވީއައިޕީ ހޮސްޕިޓަލްގައި އެނދުމަތިކޮށްފަ އެވެ. އަބްދުﷲ އަށް ކުރިމަތިވެވަޑައިގެންފައި ވަނީ ނިއުމޯނިޔާގެ އާލާސްކަންފުޅެއްކަމަށް ސައޫދީ ރަސްކަމުގެ ދީވާނުން ބުނެފައިވެ އެވެ. ނަމަވެސް އޭނާގެ ސިއްޙަތާމެދު އެތަކެއް ސުވާލު އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އުމުރުފުޅުން 90 އަހަރުގެ އަބްދުﷲ އަށް ސިއްޙީ އެތައް މައްސަލައެއް ކުރިމަތިވެ ވަޑައިގެންފައިވެ އެވެ. ސީސީ ވަނީ ސައޫދީ ވަލީއުލްއަހްދު ސަލްމާން ބިން އަބްދުލްއަޒީޒް އާއި އޭނާގެނައިބު މުގްރިން ބިން އަބްދުލްއަޒީޒް އާ ވަކިވަކިން ބައްދަލުކުރައްވާފަ އެވެ. ސައޫދީ އަރަބިޔާއަކީ ސީސީ އިސްކޮށް ހުންނަވައިގެން މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ގެނައި އަސްކަރީ އިންގިލާބަށް ފާޅުގައި ތާއީދުކޮށްފައިވާ ގައުމެކެވެ. ސީސީގެ ވެރިކަމުގެ ނިޒާމަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމަކީވެސް ސައޫދީ އަރަބިޔާ އެވެ. (ނޫސްއެޖެންސީތައް)