20 Jan 2015, 09:45
ސަންޢާ (ޖަނަވަރީ 20) : ޔަމަންގެ ޙޫޘީ ހަނގުރާމަވެރިން، އެގައުމުގެ ބޮޑުވަޒީރު ޚާލިދު ބަހާހު ޙިސާރުކޮށްފައިވާކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.
ޔަމަންގެ ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވީ އެގައުމުގެ ރިޔާސީ ގަނޑުވަރުގައި، ރައީސް އަބްދު ރައްބު މަންސޫރު ހާދީއާ ބައްދަލުކުރެއްވުމަށް ފަހު ބޮޑުވަޒީރު ޚާލިދު ބަޙާހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި ޙޫޘީ ހަނގުރާމަވެރިން އޭނާގެ މޮޓޮކޭޑަށް ބަޑިން ޙަމަލާތައްދީފައިވާ ކަމަށާ އެއަށް ފަހު ބަހާހް، ޙޫޘީ ހަނގުރާމަވެރިންގެ ޙިސާރުގެ ދަށުގައި ހުންނެވިކަމުގަ އެވެ. ނަމަވެސް ޙޫޘީ ހަނގުރާމަވެރިން ބޮޑުވަޒީރު ހައްޔަރުކޮށްފައިވާ ކަމަށް ޔަމަން ސަރުކާރުގެ ތަރްޖަމާން ވިދާޅުވެފައެއް ނުވެ އެވެ. އަދި އޭނާ ހުންނެވި ތަނެއްވެސް ހާމަކުރައްވާފައެއް ނުވެ އެވެ.
ޙޫޘީ ހަނގުރާމަވެރިން ރޭ އިރާކޮޅު ވަނީ ޔަމަންގެ ރިޔާސީ ގަނޑުވަރަށްވެސް ޙަމަލާތަކެއް ދީފަ އެވެ. މިޙަމަލާތަކާ ގުޅިގެން ޔަމަންގެ ސިފައިންނާއި ޙޫޘީ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައި އަށްމީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޔަމަންގެ ރަސްމީ ނޫސް އެޖެންސީ ބުނެ އެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޙޫޘީ ހަނގުރާމަވެރިން ވަނީ ޔަމަންގެ ރައީސްގެ އޮފީހުގެ ޑައިރެކްޓަރު އަޙްމަދު ޢަވަޟު ބިން މުބާރަކް ވަގަށްނަގާފަ އެވެ.
ޔަމަން ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ޙޫޘީ ހަނގުރާމަވެރިން ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކާގުޅިގެން އެގައުމުގެ ވެރިރަށް ސަންޢާގެ ރައްޔިތުންވަނީ ކަންބޮޑުވުމާ އެކު ޙައިރާންކަމެއްގެ ތެރޭގައި ކަމަށް ޚަބަރުތައް ބުނެ އެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ އިރު ޙޫޘީ ހަނގުރާމަވެރިންނާއި ސަރުކާރު ސިފައިންނާ ދެމެދު ދޭތެރެއަކުން ޙަމަލާތައް ބަދަލުކުރަމުން ގެންދެ އެވެ. ނަމަވެސް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރު ތަންފީޒުކުރަން ފަށާފައިވާ އިރު މައްސަލަތައް ޙައްލުކުރުމަށް ޓަކައި ޙޫޘީ ހަނގުރާމަވެރިން ވަނީ ޔަމަންގެ ދަސްތޫރަށް އެމީހުން ބޭނުންވާ ބަދަލުތައް ގެނައުމަށް ސަރުކާރަށް ހުށަހަޅާފަ އެވެ. މިހުށަހެޅުން ސަރުކާރުން ގަބޫލުކުރާ ނަމަ ޙޫޘީ ހަނގުރާމަވެރިން ވަގަށް ނަގާފައިވާ ޔަމަންގެ ރައީސްގެ އޮފީހުގެ ޑައިރެކްޓަރު އަޙްމަދު ޢަވަޟު ބިން މުބާރަކް މިނިވަންކުރުމަށް ވެސް ޙޫޘީން ވަނީ އެއްބަސްވެފަ އެވެ. (އަލްޖަޒީރާ)