ބްރަސަލްސް (ޖަނަވަރީ 20) : ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި މުޅި ޔޫރަޕް އެކަތިގަނޑަކަށްވުމަށާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ތުރުކީއާއި އަރަބި ބައެއް ގައުމުތައް ބައިވެރިކުރުމަށް ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުން ނިންމަވައިފި އެވެ.

ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި އިއްޔެ ބޭއްވި ޔުރަޕްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމާ ބެހޭ މަޢްލޫމާތު ނޫސްވެރިންނާ ޙިއްސާ ކުރައްވަމުން ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ވެޑްރިކާ މުގްރީނީ ވިދާޅުވީ ތުރުކީއާއި އަރަބި ބައެއް ގައުމުތަކާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ކުރެވޭނެ ކަންތައްތަކެއް ދެތިން ހަފްތާ ތެރޭގައި އިޢްލާން ކުރާނެކަމުގަ އެވެ.
ޓެރަރިޒަމްގެ އަމަލުތައް ކޮންޓްރޯލް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބްރަސަލްސްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ތުރުކީއާއި މިސްރާއި ޔަމަން އާއި އަލްޖަޒާއިރުގެ އިތުރުން ގަލްފުގެ އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލުލްއަރަބީވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ. ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ތުރުކީއާއި އަރަބި ބައެއް ގައުމުތަކުގެ ކިބައިން ޔޫރަޕްގެ ގައުމުތައް އެދެނީ ޖާސޫސީ މަޢްލޫމާތުތައް ޙިއްސާކުރުން ކަމަށް ޚަބަރު ލިބެ އެވެ.

ޔޫރަޕަށް މިހާރު ކުރުމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލަށްވުރެ އަރަބި ގައުމުތަކާއި ތުރުކީއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ބޮޑުކަމަށް އަރަބި ބައެއް ޚާރިޖީ ވަޒީރުން ބްރަސަލްސްގައި އިއްޔެ ވިދާޅުވެފައިވެ އެވެ. ޔޫރަޕާއި އަރަބި ގައުމުތަކަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާތަކުގެ ޒިންމާ އެންމެ ބޮޑަށް އުފުލަންޖެހޭނީ އެމެރިކާއާއި ޔޫރަޕްގެ ސަރުކާރުތަކުން ކަމަށް ތަޖްރިބާކާރުން ދެކެއެވެ. އަރަބި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ހުޅަނގުން ވަންނަމުން ދިޔުމާއި އެމެރިކާގެ އުދުވާން އަރަބި ގައުމުތަކަށް އަމާޒުވެގެންދާތާ އެތަށް އަހަރެއް ވެފައިވާއިރު އެމެރިކާ ވަނީ އަރަބި ބައެއް ގައުމުތަކަށް އަރައި އެގައުމުތަކުގެ ސަރުކާރުތައް ވެސް ގަދަބާރުން ބަދަލުކޮށްލާފަ އެވެ. އަދި ފަލަސްތީނު މައްސަލާގައި ވެސް ހުޅަނގުން ގެންގުޅެނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރަށް ތާއީދުކުރުމުގެ ސިޔާސަތެކެވެ. (ނޫސްއެޖެންސީތައް)