20 Jan 2015, 09:30
"ތެލޭ ތެލޭ ކިޔާނެ އޭގެ އަގު ވެސް ބޮޑުވިއްޔާ، ސުޕާރި ޕެކެޓުގެ އަގު ވެސް ބޮޑު ކުރާނެ ދުނިޔޭގެ ބާޒާރޭ ތެލޭ ކިޔާފައި އެކަމަކު ހެވެއްވިޔާ ހެވެއް ނުކުރާނެ، ބަލާބަލަ މި އުޅޭ ޓެކްސީ ޑުރައިވަރުން، ތެލުގެ އަގު ބޮޑުވާ އިރަށް ނުކުންނާނެ ބޯޑު ހިފައިގެން ބޭރު މަގަށް، ދެން ހަމަ އަގު ބޮޑުކޮށްފައި ހުއްޓާނީ، އެކަމަކު ހެޔޮވާތަނެއް ނުފެންނާނެ." ތަކެތީގެ އަގު ހެޔޮނުވެގެން ޝަކުވާއެއް ކުރި މީހަކު ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި އެއްޗެއް އަގު ބޮޑުވެލާއިރަށް ނުވަތަ ތެލުގެ އަގަށް ކުޑަ ބަދަލެއް އަޔަސް ގޭގޭގެ ސުފުރާމަތިން ފެށިގެންގޮސް ދަތުރުފަތުރުތަކާއި އެހެނިހެން އަސާސީ ބޭނުންތަކުގެ އަގުތަކުން ވެސް އެކަން އެނގެ އެވެ. ތެޔޮވެފައި މިވަނީ ތަކެތީގެ އަގު ބޮޑުކުރުމަށް ބޭނުންވާ "ޕަޕެޓެއް"ގެ ގޮތުގަ އެވެ. ނަމަވެސް އަގު ހެޔޮވިޔަސް ވީކަމެއް ނެތެވެ. ސްޓެލްކޯ ނޫން ބަޔަކަށް އެކަން ނޭނގޭ ކަހަލަ އެވެ. އަތޮޅުތެރޭ ރަށެއްގެ ކަރަންޓަކަށް ވެސް ހެޔޮ ބަދަލެއް އައި ކަމެއް އަދި އެނގޭކަށް ނެތެވެ. ހިދުމަތްތަކުގެ އަގު ހެޔޮ ނުވަނީ ކީއްވެގެން ހެއްޔެވެ؟ މިއޮތީ އެބުނާ ތެޔޮ އަގުހެޔޮ ވެފަ އެވެ.
ތެލުގެ އަގު މިހާރުމިވަނީ ރާއްޖޭގެ ބާޒާރުގައި ފަހަކަށް އައިސް ހެޔޮވާނެ އެންމެ ބޮޑަށް ހެޔޮވެފަ އެވެ. އަލަށް ގެނައި ބަދަލާ އެކު އެސްޓީއޯ އިން މީގެ ކުރިން 12.37 އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރަކުން މިހާރު ވަނީ، 2.37 ރުފިޔާ އަގު ހެޔޮކޮށްފަ އެވެ. އަދި ޑިސަލް ލީޓަރަކުން ވަނީ 2.33 ރުފިޔާ އަގު ހެޔޮކޮށްފަ އެވެ. އެހެން ކަމުން އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލް މިހާރު 10 ރުފިޔާއަށް ލީޓަރެއް ލިބޭނެ އެވެ.
ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން އެންމެ ގިނަ ބަޔަކު ހެޔޮ ބަދަލަކަށް އިންތިޒާރު ކުރި އެއް ހިދުމަތަކަށްވާނީ ޓެކްސީތަކާއި ޕިކަޕް، ލޮރީގެ ހިދުމަތެވެ. ގިނަ ބަޔަކު އެވާހަކަ ދެއްކި އެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކިރިޔާ ތެލުގެ އަގަށް ބަދަލެއް އަންނައިރަށް އަގު ބޮޑުނުކުރެވިގެން މަގުމައްޗަށް ނުކުންނަ މީހުންނަށް ހެޔޮވިތަން ނުފެންނާތީ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ، އެ އޮތޯރިޓީން ގަބޫލު ކުރާ ގޮތުގައި ތެލުގެ އަގު ހެޔޮވުމާ އެކު ޓެކްސީގެ ދަތުރުތަކުގެ އަގު ހެޔޮވާން ޖެހޭނެ ކަމަށާއި އެގޮތުން ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް އެދޭ ކަމަށެވެ. އެކަމަށް އެދި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިއްޔެ ޓެކްސީ ޑްރައިވަރުންނާ ބައްދަލު ވެސް ކޮށްފަ އެވެ. ނަމަވެސް މީޓިން ނިމިގެންދިޔައީ އުންމީދެއްނެތި އެވެ. މީޓިންގައި ނިންމީ އަގަށް ބަދަލެއް ނުގެނައުމަށެވެ.
ޓެކްސީ ޑްރައިވަރެއް އަދި ސެންޓަރު އޮޕަރޭޓަރެއް ކަމަށްވާ އަބްދުﷲ ޝަރީފް ބުނި ގޮތުގައި ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. ޓެކްސީ ޑްރައިވަރުންގެ ޑިމާންޑަކީ ދިރިއުޅުމުގެ އެހެނިހެން ހަރަދުތައް ހެޔޮ ނުވަނީސް ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮނުކުރަން ކަމަށް ޝަރީފު ބުންޏެވެ.
"މިއަދު އަގު ކުޑަކުރަން ނުނިންމަން، ތެޔޮ އިއްޔެ އަގުހެޔޮވިޔަސް މާދަން ބޮޑު ނުވާނެ ކަމުގެ ގެރެންޓީއެއް ވެސް ނެތް،" ޝަރީފް ބުންޏެވެ.
ގިނަ ބަޔެއްގެ އުންމީދާއި ގުޅިފައިވާ ޓެކްސީގެ ކަންތައް އެހެން ހުރިއިރު ދެން އެންމެ ގިނަބަޔަކު ދަތުރުކުރުމަށް ބޭނުންކުރާ ފެރީގެ އަގުތަކަށް ބަލަމާތޯ އެވެ. ތެލަށް މިއައި ބަދަލާ އެކު އެއްވެސް ބަދަލެއް އައިސްފައެއްނުވެ އެވެ. މިއަގަކީ ވަގުތީ އަގަކަށްވުމުން މުޅިއެއްކޮށް އަގު ބަދަލުނުކުރެވިދާނެ އެވެ. ނަމަވެސް އަގު ހެޔޮވި ދަނޑިވަޅުގައި އަގަށް ކޮންމެވެސް ހެޔޮ ބަދަލެއް ގެނެވެންޖެހޭނެ އެވެ. އަގު ބޮޑުކުރަން ދައްކާ ބަހަނާ ކަމުގައިވާ ތެލުގެ އަގު މިވަނީ ހެޔޮވެފަ އެވެ.
މިކަމާ ގުޅިގެން ރާއްޖެއަށް ފެރީގެ ހިދުމަތް އެންމެ ފުޅާދާއިރާއެއްގައިދޭ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ ހެޑްއޮފް އެކްޒެކްޓިބް ބިއުރޯ އަހުމަދު ނަސީމް ވިދާޅުވީ ޕެޓްރޯލާއި ޑީސަލް ލީޓަރެއް 10 ރުފިޔާ އަށް ހެޔޮވި ނަމަވެސް އެވަރުން ޓިކެޓު އަގުހެޔޮ ކުރެވެން ނެތް ކަމަށެވެ. އޭނާ ބުނި ގޮތުގައި އެކުންފުންޏަށް ޓިކެޓް އަގު ހެޔޮކުރެވެން އޮތީ ތެޔޮ ލީޓަރެއް ހަތަރު ރުފިޔާއަށް އަގު ހެޔޮވުމުންނެވެ.
ފެރީތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ ދަތުރުކުރާ ބޯޓް ފަހަރަށް ބަލަމާތޯ އެވެ. ތެޔޮ އަގު ބޮޑުވަނިކޮށް ޓިކެޓާ މުދާ ގެންގޮސްދޭ ނާލު ބޮޑުވެގެންދެ އެވެ. ނަމަވެސް ތެލުގެ އަގު ހެޔޮވެގެން އައިއިރު މިބަދަލެއް ނުފެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލޯންޗުގެ ހިދުމަތްދޭ ފަރާތްތަކުގެ ހިދުމަތުގެ އަގަށް ވެސް ހެޔޮ ބަދަލެއް އައި އަޑެއް އަދި އިވިފައެއް ނެތެވެ. ގައިމުވެސް މެޖޯރިޓީ އަގުތަކަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައެއްނުވެ އެވެ.
ދެން އޮތީ ވައިގެ ދަތުރުފަތުރުގެބަ އެވެ. މި އަހަރު ފެށުނީއްސުރެ އެމްއޭސީއެލުން ވަނީ ފްލައިޓުތަކަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން ބައިނަލް އަގުވާމީ ފްލައިޓުތަކަށް ތެޔޮ ލީޓަރެއް 13.26 ރުފިޔާ އަށް މިހާރު ވިއްކާއިރު އެތެރޭގެ އުދުހުންތަކަށް ފްލައިޓަށް އަޅާ ތެޔޮ ލީޓަރެއް ވިއްކަނީ 13.02 ރުފިޔާ އަށެވެ. މިއީ ފަހުގެ ތާރީހެއްގައި ޖެޓް ފިއުލްގެ އަގު ވެސް އެހާ ބޮޑުތަން ހެޔޮވެގެންދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް ޓިކެޓު އަގަށް އައި ބަދަލެއް ނުފެނެ އެވެ. ހާއްސަކޮށް ޑޮމެސްޓިކް ޓިކެޓަކަށް ބަދަލެއް އައިކަން ފާހަގަކައެއް ނުކުރެވެ އެވެ.
ޓޫރިސްޓުންނަށްދޭ ހިދުމަތަށް ބެލިނަމަވެސް މިކަން އޮތީ މިގޮތަށެވެ. އައި އެއްވެސް ހެޔޮ ބަދަލެއް ނެތެވެ. ގައިމު ދުނިޔޭގެ ބާޒާރަށް އައި ހެޔޮ ބަދަލު ޓޫރިސްޓުންނަށް އެނގޭނެތާ އެވެ. ޓޫރިސްޓުންގެ އެޖެންޓެއް ކަމަށްވާ "ޝޭޑްސް އޮފް މޯލްޑިވިސް"ގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފައިރޫޒް ވިދާޅުވި ގޮތުގައި ތެލަށް އައި ބަދަލާ އެކު އެންމެ ރިސޯޓަކުން ސީޕްލޭންގެ އަގަށް ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އޭގެ އިތުރުން ލޯންޗު ދަތުރަކުން ވެސް އަދި ސީ ޕްލޭން އަކުން ވެސް ފުލައިޓެއްގެ ޓިކެޓެއްގެ އަގަކަށް ވެސް ޓޫރިސްޓުންނަށްދޭ ހިދުމަތައް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ވިދާޅުވި އެވެ.
އަގު ބޮޑު ކުރަން ނަގާ ފޯރި އަގު ހެޔޮ ކުރަން ނުހުރެއެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް ވިދާޅުވި ގޮތުގައި މުދަލުގެ އަގަށް އަންނަ ހެޔޮ ބަދަލު އާންމުނަށްދޭ ހިދުމަތްތަކުން ނުފެންނަނީ ރާއްޖޭގައި ވާދަވެރި މާހައުލަކާއި އެކަންކަން ރަނގަޅަށް ރެގިއުލޭޓް ކުރެވޭނެ ބޮޑީއެއް ރާއްޖޭގައި ނެތުން ކަމަށެވެ. ޓެކްސީ ދަތުރު ކުރާ ފަރާތްތަކަށް ވެސް އަގުހެޔޮ ނުކޮށް ހިފެހެއްޓެނީ އަދި ޑިއުޓީ ހެޔޮކުރާ މުދާ ހެޔޮއަގުގައި ނުވިއްކަނީ ރެގިއުލޭޓް ކުރާނެ ފަރާތެއް ނެތީމަކަށް އާސިފް ވިދާޅުވި އެވެ.
"ތިސުވާލަށް މިސާލަކަށް ބަލަމާ ޓެކްސީ ތަކަށް، އެމީހުން އަގު ހެޔޮ ނުކޮށް އެހިފެހެއްޓެނީ އެމީހުންނަށް އެނގޭ އެމީހުން ނޫން ބަޔެއް ކުރާކަން ނެތްކަން، އަޅުގަނޑުމެން ގަބޫލް ކުރާގޮތުގައި އަގު ހެޔޮކޮށް ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަންޖެހޭ،" އާސިފް ވިދާޅުވި އެވެ.
ތެލުގެ އަގުބޮޑުވުމުން އަގުތައް ބޮޑުކުރަން ނަގާ ފޯރި، ތެލުގެ އަގު ހެޔޮވުމުން ވެސް ނަގާނަމަ އެވެ. އަގުބޮޑުކުރަން ދައްކާ ވާހަކަ ދެކޮޅު ޖެހޭނީ އޭރުންނެވެ. ނަމަވެސް އެ މަންޒަރެއް ރާއްޖެއިން ނުފެނެ އެވެ. އަބަދުވެސް ބަލަނީ އަގުބޮޑުކުރެވޭތޯ އެވެ. ހިދުމަތްތަކުގެ އަގު ހެޔޮކުރުމުގެ ވިސްނުމެއް ގެންގުޅޭތަނެއް ނުފެނެ އެވެ.