20 Jan 2015, 00:37
ލިބޭ އާމްދަނީ މަދުވެގެން ހަރާމް ގޮތްތަކެއް އިތުރުކޮށްގެން ނުވާނެ ކަމަށާއި ހަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ޢަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން ގޮވާލައްވައިފި އެވެ.
އިލްޔާސް މިރޭ ވިދާޅުވީ ބިންމަތީގައި ފުރާނަ ލައްވާފައިވާ ކޮންމެ އެއްޗަކަށް ރިޒުގު ދެއްވާނެ ގޮތް މާތްﷲ މެދުވެރި ކުރައްވާފައިވާ ކަމަށާއި އުރެދޭ ބަޔަކަށް އެކަލާންގެ ރިޒުގު ތަނަވަސް ނުކުރައްވާނެ ކަމަށެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ކުރިއަށް ދިއުމުގައި ބަލަންޖެހޭނީ ކީރިތި ރަސޫލާ ﷺގެ ނަމޫނާއަށް ކަމަށް ޝެއިހް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަސޫލާ ދެއްކެވި ނަމޫނާ ދޫކޮށްލައިފިނަމަ އަޅުގަނޑުމެން "ފެއިލް"ވާނެ ކަމަށެވެ.
~
"އަޅުގަނޑުމެން އެއްގޮތަކަށް ވެސް އަޅުގަނޑުމެން ނަމޫނާއަކަށް ބަލަންޖެހޭ ފަރާތުން [ރަސޫލާ ﷺ]ގެ ނަމޫނާ ދޫކޮށްފައި އަޅުގަނޑުމެން އިގްތިސާދީ ގޮތުން ވެސް، އިޖުތިމާއީ ގޮތުން ވެސް އަހުލާގީ ގޮތުން ވެސް، ސިޔާސީ ގޮތުން ކުރިއަރައިގެން ދިއުމަށްޓަކާ އެ ނަމޫނާ ދޫކޮށްފައި ހިނގައްޖެނަމަ އަޅުގަނޑުމެން ފެއިލްވާނެ. މިއަދު ނާންނަކަމުގައި ވަނީނަމަ މާދަމާ އަންނާނެ،" ޓީވީއެމުން މިރޭ ގެނެސްދިން "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވި އެވެ.
މާތްﷲ އާއި ރަސޫލާ އެންގެވި ގޮތްތަކަށް އުރެދިފައިވާ ބަޔަކަށް ބާރާއި ފައިސާ ލިބުމަށް މެދުވެރިވުމުން، އެއީ ކާމިޔާބު ކަމަށް ބަލައިގަނެގެން ނުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ. ސަމޫދޫ ބާގައިގެ މީހުނާއި އާދު ބާގައިގެ މީހުނަށް ކުރިމަތިވި ކޯފާގެ އަޒާބަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވީ މީހުން އިމްތިހާން ކުރަނީ އެކި ގޮތްގޮތަށް ކަމަށެވެ.
ރާއްޖެއިން މިއަދު އަމާންކަން ގެއްލިގެން ގޮސްފައިވާ ކަމަށާއި ގެއްލިފައިވާ އަމާންކަން އަންނާނީ "އަޅުގަނޑުމެންގެ ހަޔާތަށް" އިސްލާމީ އަހްލާގުގެ ޝަރީއަތް ގެނެސްގެން ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"ޝަރީއަތް ގާއިމް ކުރުމޭ މި ކިޔަނީ ހައްދު ގާއިމް ކުރުމަކަށް ނޫން. ޝަރީއަތޭ މި ކިޔަނީ ހަޔާތުގައި ހުރިހާ ކަމެއް ވެސް އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި އަޅުގަނޑުމެން އަމަލީ ގޮތުން ހަޔާތަށް ގެނެސްގަތުން. އޭރުން އަޅުގަނޑުމެންގެ ހުރިހާ ކަމެއް ހައްލުވެގެންދާނެ،" ފިގުހު އެކަޑަމީގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ބޮޑު އަނިޔާވެރިކަމަކީ ﷲގެ ވަހީބަސްފުޅުތައް ދޮގުކޮށް އެކަލާނގެ އެންގެވި ގޮތަށް އަމަލު ނުކުރުން ކަމަށެވެ.
"އެންމެ ބޮޑު އަނިޔާވެރިވުމަކީ ﷲގެ ވަހީބަސްފުޅުތައް ދޮގުކޮށްލުން. ދުލުން އެއްފަހަރު ދޮގުކޮށްލީމޭ ބުނެލުން. އެއީ ވެސް ދޮގު ކުރުމެއް. އެއަށް ވުރެ ބޮޑު ދޮގު ކުރުމަކީ އަމަލީ ގޮތުން އެކަންތައް ނުކުރުން. އެއީ އެންމެ ބޮޑު ދޮގު. އަދި އެންމެ ބޮޑު އަނިޔާވެރިކަން،" އިލްޔާސް ވިދާޅުވި އެވެ.
ޓީވީއެމުން މިރޭ ވަގުތުން ނެގެސްދިން އިސްލާމީ ދިރިއުޅުން ޕްރޮގްރާމްގައި އިލްޔާސް ވާހަކަފުޅު ދައްކަވާފައި ވަނީ
"އެންމެ ފުރިހަމަ ނަމޫނާއަކީ ކީރިތި ރަސޫލާ ﷺ" މި މައުޟޫގެ މައްޗަށެވެ. ކީރިތި ރަސޫލާއަށް ޣައިރު މުސްލިމުން ފުރައްސާރަ ކުރާއިރު، މުސްލިމުން އަމަލު ކުރާން ޖެހޭނީ އެކަލޭގެފާނު ދެއްކެވި ނަމޫނާއާ އެއްގޮތަށް ކަމަށް އިލްޔާސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޣައިރު މުސްލިމުން، ރަސޫލާއަށް ފުރައްސާރަކޮށް ކުރަމުން ގެންދާ ކަންތައްތަކާ ދެކޮޅަށް މުސްލިމުން ތެދުވާންޖެހޭނީ "އިސްލާމީ ގިއުގަނޑުގެ" ތެރޭގައި ކަމަށެވެ.