ހައްޖަށް މީހުން ގެންދަން އެދޭ އަމިއްލަ ފަރާތްތަކަށް ހުއްދަ ދޫކުރާއިރު، އެޑްވާންސް ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ 25 ޕަސެންޓް ނަގާގޮތަށް ހަމަޖައްސައިފި އެވެ.

ހައްޖު ކޯޕަރޭޝަނަށް އެއް އަހަރުން ފުރުން ފާހަގަކޮށް އެ ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހް ކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އިސްލަމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެކަން އިއުލާން ކުރައްވާފައެވެ.

"އިތުބާރު ހުރި މާލީ ގޮތުން ގާބިލްކަން ހުރި ޖަމާއަތްތަކަށް ފުރުސަތު އޮންނަ ގޮތަށް މިހާރު ވަނީ އުސޫލުތަކަށް ބަދަލު ގެނެސް، ހައްޖުވެރިޔާގެ އަތުން ނަގާ އަގުގެ 25 ޕަސެންޓަށްވާ ވަރަށް ބޭންކް ގެރެންޓީއެއް ބަހައްޓާ ގޮތަށް އުސޫލުތައް ވަނީ ކަނޑައަޅާފަ. ގެޒެޓަށް ފޮނުވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، އެފަދަ އުސޫލެއް ކަނޑައަޅާފައި ވަނީ ޖަމާއަތްތަކަށް އުދަގޫކުރުމުގެ ގޮތުން ނޫން ކަމަށާއި އެއީ އިތުބާރު ކުރެވޭގޮތަކަށް ރައްޔިތުންގެ ފައިސާއަށް ރައްކާތެރިގޮތެއް ހޯދައިދިނުމަށް ކުރި ކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން މީގެކުރިން 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވަނީ އަމިއްލަ ކުންފުނިތަކަށް ފުރުސަތު ބަންދުކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަކީ އެކަމަށް ގާބިލު ބަޔަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޕްރައިވެޓް ސެކްޓާއަށް ފުރުސަތު ބަންދުކުރާކަށް ބޭނުމެއް ނޫން. އެކަމަކު އެވަރު [ޑިޕޮސިޓް ފައިސާ] ނުކުރެވޭ ގްރޫޕްތަކުން ޖެހޭނީ މީހުން ހައްޖަށް ގެންދިއުން ހުއްޓައިލާން. އެ ކުންފުނިތަކަކީ އިދާރީ ގޮތުން ހިންގާ ކުންފުނިތަކަަށް ވާންޖެހޭ. އަދި އަދި ސައުދީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކާ މުއާމަލާތްކުރެވޭ ވަރުގެ ބަޔަކަށް އެ ކުންފުނިތައް ވާންޖެހޭނެ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސް އާއި އަލްފަތުހު އެންޑް އުމްރާ ގްރޫޕުން ވަނީ ހައްޖަށް ގެންދާނެ ކަމުގެ ޔަގީންކަންދީގެން ގިނަ ބައެއެއްގެ އަތުން ފައިސާ އަތުލުމަށްފަހު، ހައްޖަށް ގެންދެވެން ނެތްކަން އެ މީހުންނަށް އަންގާފައެވެ.